އަފްޣާނިސްތާނުގައި ހަރަކާތެރިވާ ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާއިން މީގެ އަހަރުތަކެއް ކުރިން ފެށި ހަނގުރާމައަކީ އެމެރިކާއިން ހެދި ބޮޑު ގޯހެއް ކަމަށް އެގައުމުގެ އަސްކަރިއްޔާގެ އިސް މީހުނާއި ޑިޕްލޮމޭޓުން ވެގެން ތައްޔާރުކުރި ފެޑެރަލް ޕްރެޖެކްޓް ރިޕޯޓުގައި ބުނެފި އެވެ.
ފެޑެރަލް ޕްރެޖެކްޓް ރިޕޯޓަކީ 2000 ސަފުހާގެ ދިގު ރިޕޯޓެކެވެ. މި ރިޕޯޓް ތައްޔާރުކުރީ ތިން އަހަރު ދުވަހުގެ މަސައްކަތުންނެވެ. ރިޕޯޓުގައިވާގޮތުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާގެ 2400 ސިފައިން ވަނީ މަރުވެފަ އެވެ.
މިއީ އެމެރިކާ ސަރުކާރުން ސިއްރު ކޮށްގެން ގެންގުޅުނު ރިޕޯޓެކެވެ. މި ރިޕޯޓު އާންމު ކޮށްފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓުންނެވެ. ރިޕޯޓުގައި އިތުރަށް ވާގޮތުން، އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ގާއިމް ކުރުމުގެ ސަބަބުން އެގައުމުގެ އަސްކަރީ ގާބިލްކަން ވަނީ ދަށްވެފަ އެވެ. ސަބަބަކީ ބާރުގަދަ ބައެއް ހަތިޔާރުތައް ބޭކަރު ގޮތުގައި ބޭނުން ކުރަން ޖެހުމެވެ.
"މިހާ ބޮޑު ގެއްލުމެއް ވާނެކަން އެގޭނަމަ އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ނުފޮނުވާނަން. ޓެރަރިސްޓުންނާ ހަނގުރާމަކުރަން އަފްޣާނިސްތާނު ސަރުކާރަށް ފައިސާ ދިންނަމަވެސް މާ ރަނގަޅު" ރިޕޯޓަށް މައުލޫމާތު ދެމުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވި އެވެ.
ރިޕޯޓުގައި އިތުރަށް ވާގޮތުން ހަމައެކަނި އަފްޣާނިސްތާނުގައި ހަރަކާތެރިވާ އެމެރިކާ ސިފައިންނަށް ހާއްސަ ކޮށްގެން ޕެންޓަގަންގެ ބަޖެޓުން 10 ބިލިއަން ހަރަދު ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ ޕެންޓަގަންނަށް އަރައިގަންނަން ދިމާވެފައިވާ ބޮޑު މާލީ ބުރައެކެވެ.
އެމެރިކާގެ ރައީސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕު ހޮވުނު ހިސާބުން ފަށައިގެން ދިޔައީ މެދުއިރުމަތިން އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޓެރަރިސްޓުންގެ ފަރާތުން ދިމާވެދާނެ ހަމަލާއަކުން އެމެރިކާ ދިފާއުކުރަން މެދުއިރުމަތީގައި ސިފައިން ގާއިމްކުރަން މިހާރު އެމެރިކާއަށް ވަނީ މަޖުބޫރުވެފަ އެވެ. މެދު އިރުމަތީގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ މެއިން ޓާގެޓަކަށް މިހާރު ޕެންޓަގަން ވަނީ ވެފަ އެވެ.