ހަތަރު ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަކާއި ތިން ރަށެއްގެ ބަނދަރު ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތައް ހަވާލު ކުރުމުގެ އެއްބަސްވުންތަކުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފަރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު ހުސައިން މޫސާ އެވެ.
އެމްޓީސީސީއާ މިއަދު ހަވާލު ކުރެވުނީ ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމާއި، ށ. ޅައިމަގު ބަނދަރު އަޕްރޭޑް ކުރުމާއި، ރ. ރަސްމާދޫ ބަނދަރު އަޕްގްރޭޑް ކުރުމާއި ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އިތުރުން، އދ. މަންދޫގައި ބަނދަރު ހެދުމުގެ މަސައްކަތާއި ނ. ލަންދޫގައި ބަނދަރު ހެދުމުގެ މަސައްކަތެކެވެ.
އޭގެ ތެރެއިން ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރެވުނު 31.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޅައިމަގު ބަނދަރު އަޕްގްރޭޑް ކުރަން ހަވާލު ކުރެވުނީ 56.3 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރަސްމާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއަކީ 365 ދުވަހަށް ނިންމާ ގޮތަށް ހަވާލު ކުރެވުނު 19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 397 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރެވުނު ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ އަގަކީ 38.3 މިލިއަން ރުފިޔާ އެވެ.
ދ. ހުޅުދެލީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ހަވާލު ކުރީ 362 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އަދި އެ މަޝްރޫއުގެ އަގަކީ 39.8 މިލިއަން ރުފިޔާ އެވެ. 330 ދުވަހުގެ ތެރޭގައި ނިންމަން އދ. މަންދޫ ބަނދަރު ހަދަން ހަވާލު ކުރީ 37.4 މިލުއަން ރުފިޔާ އަށެވެ. ލަންދޫ ބަނދަރަކީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.