ހަބަރު

13 އަހަރުގައި ކައިވެނި ކުރުވި ކުއްޖާގެ ބެލެނިވެރިން ހައްޔަރުކޮށްފި

Dec 10, 2019
1

13 އަހަރުގައި ކައިވެނި ކުރުވި ކުއްޖާގެ ބެލެނިވެރިން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ކަމަށް ބެލެވޭ އާއިލާއަކުން އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި އިހުމާލުވަމުންދާ ކަމަށް ބުނެ މައްސަލައެއް އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެ ކުދިންގެ މައިންބަފައިން، ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާ ގުޅިގެން އެ އާއިލާގައި ހިމެނޭ ހަ ކުދިން ވަނީ، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ދައުލަތަށް ނަގައިފަ އެވެ. ކައިވެނީގެ ނަމުގައި ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ ފިރިހެން މީހާ ވަނީ މިދިޔަ މަހުގެ 29 ގައި ހައްޔަރުކޮށްފަ އެވެ.

މީގެ ކުރިން ފުލުހުން ބޭއްވި ނޫސް ކޮންފަރެންސް އެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަަސަން ހަނީފް ވިދާޅުވީ ހަރުކަށި ފިކުރަށް ނިސްބަތްވާ އާއިލާއެއްގެ ކުދިންތަކެއް އިންސާނީ ހައްގުތަކުން މަހްރޫމްކޮށްފައިވާ މައްސަލައެއް ބަލަމުން ދަނިކޮށް 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ އެއް ހުށަހެޅި ކަމަށެވެ. އަދި އޭރު އެ ކުއްޖާ އުޅެމުން ދިޔައީ ވެސް ހަ ކުދިން ހިމެނޭ އާއިލާއާ އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގަ އެވެ.