ލައިފްސްޓައިލް

ތުއްތު ކުދިންނަށް މާމުއި ދިނުން ރަނގަޅު ނޫން ސަބަބުތައް

އުފަންވާތާ ފުރަތަމަ އަހަރު ތެރޭގައި ކުޑަ ކުދިންނަށް އާ ވައްތަރުތަކުގެ ކާނާތައް ތައާރަފްކުރުމަކީ އެކުދިންގެ ތުއްތު ހަޔާތް ބިނާ ކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ދަރިފުޅަށް ބޭނުންވާ ވިޓަމިންސް އާއި ނިއުޓްރިއަންޓްސް ލިބޭތޯ ބެލުމަށް ވަރަށް ގިނަ މައިންބަފައިން ސަމާލުކަން ބަހައްޓަ އެވެ. ސަބަބަކީ އެކުދިންގެ ހެދިބޮޑުވުމާއި ސިކުނޑި ތަރައްގީވުން، އެކުދިންނަށް ކާންދޭ އެއްޗިއްސާ ވަރަށް ބޮޑަށް ގުޅިފައިވާތީ އެވެ.

ނަމަވެސް ތަފާތު ކާނާތައް ތައާރަފްކުރަމުން އަންނައިރު އެއްގޮތަކަށް ވެސް ފުރަތަމަ އަހަރު ދޭން ނުވާ ކާނާ ހުންނަކަން ދަންނަން ޖެހޭނެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ މާމުޔެވެ. މާމުޔަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެއް ނަމަވެސް ކުއްޖާ އަށް އެއް އަހަރު ނުފުރެނީސް މާމުއި ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ރަން ކުލައިގައި ހުންނަ ބުއިމުގައި ކްލޮސްޓްރިޑިއަމް ބޮޓުލިނަމް ކިޔާ ބެކްޓީރިއާއެއްގެ އަސަރު ހުންނާތީ އެވެ.

އެހެންކަމުން މި ބެކްޓީރިއާ އަހަރު ނުފުރޭ ތުއްތު ކުދިންގެ ހަށިގަނޑަށް ދިއުމުން އެކުދިންގެ ބަނޑު ފުއްޕަ އެވެ. އަދި ވަރަށް މަދުން ނޫނީ ދިމާނުވީ ކަހަލަ ލޭ ވިހަވުމުގެ މައްސަލައެއް ކުރިމަތިވެ އެވެ. މިއީ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ފަދަ ހާލަތެކެވެ.

މާމުއި ދިނުމާއެކު ތުއްތު ކުއްޖާގެ ބަނޑު ފުފޭނެ އެވެ. މިއީ ފުރަތަމަ އަލާމާތެވެ. މާމުއި ދޭތާ އަށް ގަޑިއިރާއި 36 ގަޑިއިރާ ދެމެދު ވެސް އަލާމާތްތައް ފެންނަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. މާމުއި ދިނުން އެދެވިގެންނުވާ އަނެއް ސަބަބަކީ މާމުއިގައި ހަކުރު އެކުލެވޭލެއް ގިނަވުމެވެ. މާމުޔާއި ހަކުރު ދޭނަމަ އަލަށް ފަޅަން ފަށާ ދަތްތައް ހަލާކުވުމުގެ ނުރައްކާ އޮންނާނެ އެވެ. މާމުޔާއި ހަކުރު ނޫނަސް ފޮނިކޮށް ހުންނަ ދިޔާ އެއްވެސް އެއްޗެއް މިހާ ތުއްތު ކުދިންނަށް ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ.

އޮޅިގެން ތުއްތު ދަރިފުޅަށް މާމުއި ދެވިފައިވާނަމަ އަދި އޭގެ ފަހުން ބަނޑު ހިކުމާއި ވަރުނެތުން ފަދަ ކަމެއް ކުއްޖާއަށް ދިމާވާހެން ހީވާނަމަ ނުވަތަ އެއްގޮތަކަށް ވެސް ކާން ބޭނުން ނުވާނަމަ ވަގުތުން ޑޮކްޓަރަކަށް ދައްކާށެވެ.

މާމުއި ދޭން އެންމެ ރަނގަޅު އުމުރަކީ ކޮބާ؟

ތުއްތު ދަރިފުޅަށް އަހަރެއް ފުރެންދެން އެއްގޮތަކަށް ވެސް މާމުއި ނުދޭށެވެ. މާމުއިގައި ހުންނަ ބެކްޓީރިއާ އަކީ އެއް އަހަރުން މަތީގެ ކުދިންނަށާއި ބޮޑެތި މީހުންނަށް އެއްވެސް ގެއްލުމެއް ހުރި އެއްޗެއް ނޫނެވެ. ސަބަބަކީ އަހަރެމެންގެ ބަނޑުތެރޭގައި ހުންނަ މައިކްރޯއޯގަނިޒަމްސް އިން ބެކްޓީރިއާތައް ހެދި ބޮޑުވުން ހުއްޓުވާތީ އެވެ.