ހަބަރު

ޝާހިދު ވެސް އިންޑިޔާއަށް ވަޑައިގެންފި

Dec 11, 2019
3

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިޔާއަށް ވަޑައިގެންފި އެވެ.

ޝާހިދު މިއަދު އިންޑިޔާއަށް ވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ ޖޮއިންޓް ކޮމިޝަންގެ ހަ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެކަމާ ގުޅޭ ގޮތުން ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދަތުރުފުޅުގައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކައާ ބައްދަލު ކުރަން އުންމީދު ކުރައްވާ ކަމަށެވެ.

މިއީ ޝާހިދު އިންޑިޔާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. އެންމެ ފަހުން ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ 2015 ވަނަ އަހަރުގަ އެވެ.

ކުރީ ސަރުކާރުން އިންޑިޔާއާއެކު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް މިހާރު އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އެގޮތުން ކައިރި ކައިރީގައި ވަރަށް ގިނައިން މި ސަރުކާރުގެ ވެރިން އިންޑިޔާއަށް ދަތުރު ކުރައްވާ އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވަ އެވެ. އެގޮތުން މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 15 މެންބަރުން ހުރީ އިންޑިޔާގަ އެވެ.