ހަބަރު

އެމްއެންޔޫގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުން މާލޭގެ ހަތަރު ސަރަހައްދެއްގައި

Dec 11, 2019
4

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރު ފަށާ ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުން މާދަމާ މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށްދާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އެމްއެންޔޫން ބުނި ގޮތުގައި ވެލާނާގެ އާއި އައިޖީއެމްއެޗާއި އެމްއެންޔޫ ބިޒްނަސް ސްކޫލް އަދި ވިލިނގިލި ފެރީ ޓާމިނަލް ކައިރީގައި ހަރަކާތްތެރިވާ ޓީމުތަކުން ކޯސްތަކުގެ މައުލޫމާތު ދޭނެ އެވެ. ވެލާނާގެ ކައިރި ފިޔަވައި އެހެން ތަންތަނުގައި މި ހަރަކާތްތައް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށް ދާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ. އަދި ވެލާނާގެ ކައިރީގައި މިކަން ކުރިއަށް ގެންދާނީ ހަވީރު 3:00 އާ ހަމައަށެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ނިންމާފައިވާ ތަފާތު 110 ކޯހަކާ ގުޅޭ މައުލޫމާތު މި ހަރަކާތުގައި ފޯރުކޮށްދޭނެ އެވެ. އަދި ކެރިއާ ގައިޑެންސްގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ފައުންޑޭޝަން ކޯސްތަކުން ފެށިގެން ޕީއެޗްޑީ ލެވެލްގެ ކޯސްތައް ކިޔެވުމުގެ ފުރުސަތު އެމްއެންޔޫ އިން ލިބެ އެވެ. އެ ޔުނިވާސިޓީން ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ފައުންޑޭޝަން ސްޓަޑީސް އާއި ސައިކޮލޮޖީ އާއި ހެލްތު ސައިންސަސް އާއި ޖާނަލިޒަމް އާއި ލެންގުއެޖާއި ޕޮލިޓިކަލް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ އިތުރުން އިސްލާމިކް ސްޓަޑީޒް އާއި ބިޒްނަސް މެނޭޖްމެންޓު ހިމެނެ އެވެ.