ހަބަރު

ހުޅުމީދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

އައްޑޫ ސިޓީގެ ހުޅުމީދޫގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

މިރާއިން ބުނި ގޮތުގައި މިއަދު ހުޅުމީދޫގައި ހުޅުވިގެންދިޔަ ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.

އެ ސެންޓަރު ގާއިމުކޮށްފައިވަނީ ހުޅުމީދޫގައި ހުންނަ އެސްޓީއޯ ބިލްޑިންގެ ދެވަނަ ފަންގިފިލާގަ އެވެ.

ހުޅުމީދޫގެ ސެންޓަރުގެ އިތުރުންވެސް، 2012 ވަނަ އަހަރު އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވާފައިވާ މީރާގެ އައްޑޫ ބްރާންޗް މެދުވެރިކޮށް އައްޑޫ ސިޓީއަށް މީރާގެ ހިދުމަތްތައް ދެމުން ގެންދާކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.

އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބެ އެވެ.

އޭގެތެރޭގައި މީރާގައި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ދައްކަންޖެހޭ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެ އެވެ.

މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ގާއިމުކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.