ފުރިހަމަ ބާރު ލިބުނަސް ފާއިތުވެދިޔަ ތަނުގައި ސިޓީ ކައުންސިލް އޮތީ ހިނގައި ގަންނަންވެސް ނޭނގިފައި ކަމަށް ވިދާޅުވެ، ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މާލޭ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައެވެ. އަދި ސިޓީ ކައުންސިލް މެންބަރުންގެ މުސާރަވެސް ކުޑަކޮށް އެތައް ބާރުތަކެއް ވަނީ ނަގާފައެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އެ ބާރުތައް ވަނީ އިއާދަކޮށްފައެވެ.
ޖަމީލް ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ބޮޑުވެ އެކަން ބޮއްސުން ލާފައިވާ ކަމަށެވެ. އަދި އެއްވެސް މަސައްކަތެއް ނުކޮށް ތިބެ، އިންތިޚާބު ބޯމަތިވުމުން މިއަދު ދައްކަމުންދަނީ ޕްލޭންތަކެއްގެ ވާހަކަ ކަމަށެވެ. އެއީ އިންތިޚާބުން ކާމިޔާބު ހޯދަން ދައްކަމުންދާ ބަހަނާތަކެއް ކަމަށް ވިދާޅުވިއެވެ.
"މާލޭގެ ޓްރެފިކް މައްސަލަ ބޮޑުވެ ކަންކަން ވަނީ ބޮއްސުންލާފައި. ފުރިހަމަ ބާރު ލިބުނަސް ފާއިތުވެދިޔަ ތަނުގައި ސިޓީ ކައުންސިލް އޮތީ ހިނގައިގަންނަންވެސް ނޭނގިފައި. ކައުންސިލް އިންތިޚާބު ބޯމަތިވުމުން ބަހަނާތައް ދައްކައި ޕްލޭންތައް އޮތް ވާހަކަ އެބަދައްކާ. މުޅިން އޮޅުވާލުން." ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު މާލެއަށް ރެކޯޑް އަދަދަކަށް ވާރޭވެހި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ އެކަމާއި ގުޅިގެންވެސް ޖަމީލް ވަނީ ވާހަކަދައްކަވާފައެވެ.
ޖަމީލް ވިދާޅުވީ ކުރީ ސަރުކާރުގެ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވާތީ ފާޑުކިޔަމުން އައި ބޭފުޅުން ވެރިކަމަށް އައި ފަހުން އަހަރު ދުވަސްވީ ކަމަށެވެ. ރައްޔިތުންގެ އަތުން އެކި ނަން ނަމުގައި ޓެކްސްތައް ނަގަމުންދާއިރު މާލޭގެ ހާލަތު އޮތީ ކުރިންވެސް އޮތް ހާލަތުގައި ކަމަށް ވިދާޅުވިއެވެ.
"ސަރުކާރަށް އަހަރެއްވެއްޖެ. ރައްޔިތުން އަތުން ނުނަގާ ޓެކުހެއް ނެތް. އެހެން ނަމަވެސް، ވެރިރަށް މާލޭގެ މަގުތަކުގެ ހާލަތު އަދިވެސް އޮތްގޮތް މިއޮތީ. ފެންބޮޑުވުން މިހާރު މައްސަލައަކަށް ނުވަނީތޯ؟. މާލޭ ސިޓީ ކައުންސިލުން ހުރިހާ ކަމެއް ނިމި ދެން އޮތް އިންތިޚާބަށް ތައްޔާރުވަނީ." ސިޓީ ކައުންސިލްގެ މެންބަރުންނަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވިއެވެ.