ހަބަރު

ރައީސް ސޯލިހު ހުރިހާ މިނިސްޓްރީތަކަށް ވަޑައިގަންނަވަނީ

ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތްތައް ކުރިޔަށްދާ މިންވަރު ބަލައި މުވައްޒަފުންނާ ބައްދަލު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަށް ކުރިއަށް ދާގޮތް ބައްލަވައި އެ ވުޒާރާގެ މުވައްޒަފުންނާއި ބައްދަލުކުރުމަށް ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްގެ ތެރެއިން ކުރައްވަން ނިންމަވާފައިވާ ކަންތައްތައްކަމަށެވެ.

އެގޮތުން މި ޕްރޮގްރާމް ފެއްޓެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ިއަދު އެޑިއުކޭޝަން މިނިސްޓްރީ އަށް ޒިޔާރަތްކުރައްވާ އެ މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައި މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސަވިސްގެ މުވައްޒަފުން ކުރާ މަސައްކަތުންކަމުގައި ވިދާޅުވި އެވެ. އަދި، ސަރުކާރުގެ ވައުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ ސިވިލް ސަވިސްގެ މުވައްޒަފުންކަމުގައި ވިދާޅުވެ ސިވިލް ސަވިސް މުވައްޒަފުންގެ މަސައްކަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި، އެޑިއުކޭޝަން މިނިސްޓްރީއިން ފާއިތުވި އަހަރު ރަނގަޅު ނަތީޖާއެއް ނެރުނު ކަމުގައި ވިދާޅުވި އެވެ. އަދި، ކުރިޔަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްކުރަން ހުރި ކަމަށާއި، މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސިވިލް ސަވިސް މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލު ތަކެއް ގެނައުމަށް ސަރުކާރުން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބައްލަވަމުން އަންނަކަމުގައިވެސް ވިދާޅުވި އެވެ.