އަބްދުﷲ ޝާހިދު

ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ޒިޔާރަތް ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޕްރޮޖެކްޓްތައް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި މިނިސްޓަރު ޝާހިދަށް ދިއްލީއަށް މަރުޙަބާ ވިދާޅުވެ، ކުރިއަށް އޮތް ޖޮއިންޓް ކޮމިޝަން މީޓިންއާއި ބެހޭ މައުލޫމާތު މިނިސްޓަރާއި ހިއްސާ ކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފައި މިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް – އިންޑިއާ ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ.