ހަބަރު

އެމެރިކާގައި އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ

Dec 12, 2019
3

އެމެރިކާގެ ރައްޔިތުންގެ މެދުގައި އެންމެ ޝައުގުވެރިވި މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ސާޗް އެންޖިން ގޫގުލްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ގޫގުލް އިން ކޮންމެ އަހަރަކު ނެރޭ "އިޔާ އިން ސާޗް" ލިސްޓުން ދައްކާ ގޮތުން އެމެރިކާގައި މިއަހަރު އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ އެވެ.

އެގޮތުން، އެމެރިކާގައި އެންމެ ގިނަ މީހުން "ޓްރިޕް ޓު" ޖަހައިގެން ގޫގުލްގައި އެންމެ ގިނައިން ސާޗްކޮށްފައި ވަނީ ރާއްޖެ އެވެ.

ހިސާބުތައް ދައްކާގޮތުން، އެމެރިކާގެ ގިނަ މީހުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ދާނެ ހަރަދު ވެސް ބަލައިފަ އެވެ. މި ލިސްޓުން ދައްކާގޮތުގައި ރާއްޖެ އެންމެ ގިނައިން ސާޗް ކޮށްފައިވަނީ އެމެރިކާގެ ޓެކްސަސް އިންނެވެ. މީގެ އިތުރުން ކެލިފޯނިއާ، އިލިނޯއީ އަދި ނިއު ޔޯކް ފަދަ ބޮޑެތި ސްޓޭޓްތަކުގައި ވެސް ރާއްޖެއަށް އޮތް ޝައުގުވެރިކަން ބޮޑެވެ.

ގޫގުލް އިން މި އަހަރުގެ މެދުތެރޭގައި ނެރުނު ހިސާބުތަކުން އެމެރިކާގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި އޮތް ބޯރާ ބޯރާ ތިންވަނައަށް ވައްޓާލުމަށްފަހު، އެ ލިސްޓުގެ އެންމެ ކުރިއަށް ރާއްޖެ އަރާފައިމިވަނީ ހޮލީވުޑްގެ ވަރަށް މަޝްހޫރު ފަންނާނުންތަކެއް މިއަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނިކޮށެވެ. މީގެ ތެރޭގައި ޖަސްޓިން ބީބާ އާއި ވިލް ސްމިތާއި ލިއެނާޑޯ ޑިކެޕްރިއޯ އާއި ޖޯ ޖޯނަސް އަދި ސޯފީ ޓާނާ ހިމެނެ އެވެ.

މި އަހަރު ތެރޭގައި އެމެރިކާ އިން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމެރިކާ އިން 43،091 ޓޫރިސްޓުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.