އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސް އިންދޭ ލައިސަންސެއް އޮވެގެން ނޫނީ، އޮޑިޓް ނުކުރެވޭ ގޮތަށް ގާނޫނު ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅައިފި އެވެ.
މިގޮތަށް ހިމަނާފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ދިވެހި ރާއްޖޭހެ ޗާޓަޑް އެކައުންޓެންޓުންގެ ބިލުގަ އެވެ. މި ބިލުގައި ބުނެފައިވަނީ، މިއީ ރާއްޖޭގެ އެކައުންޓެންސީގެ ފަންނާގުޅޭ ކަންކަން ބައިނަލްއަގްވާމީ އުސޫލުތަކާ ހަމަތަކާ އެއްގޮތަށް ތަންޒީމްކޮށް، ރާއްޖޭގައި އެކައުންޓެންސީގެ ފަންނެއް ގާއިމްކޮށް އެ ފަންނު ކުރި އެރުވުމަށް މަގުފަހި ކުރުމަށް "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުހައި ގާނޫނީ ޝަހުސެއް އުފެއްދުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.
މީގެ އިތުރަށް އެ ބިލުގައި ބުނެފައިވަނީ، ބިލުގެ ބޭނުމަކީ އެކައުންޓެންސީގެ ފަންނު ރެގިއުލޭޓްކޮށް ކުރިއަރުވަން ކުރަންޖެހޭ ކަންކަން ބޮޑަށް ދެނެގަނެ އެކަން ކުރުމަށް މަގުފަހި ކުރުން ކަމަށެވެ. މި ބިލުގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސްގެ މެމްބަރުންގެ ގިންތިތަށް ކަނޑައަޅައި އެކި ގިންތީގެ މެމްބަރުންގެ ޝަރުތުތަަކާއި އެ މެމްބަރުން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި މިންގަޑުތަކާއި ގުޅޭ ކަންކަން ވެސް ކަނޑައަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސް ހިންގުމަށް ނުވަ މެންބަރުން ހިމެނޭ ކައުންސިލެއް އުފެއްދުމަށް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. މި އިންސްޓިޓިއުޓުން އެކަމުގެ ހުއްދަތަށް ދޫކުރަން ފެށުމަށްފަހު އެ ހުއްދައާ ނުލައި ރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސްގެ ހިދުމަތް ދިނުން މަނާވާނެ އެވެ.
މި ކައުންސިލްގައި ހިމެނޭނީ އިންސްޓިޓިއުޓްގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންނާއި އޮޑިޓާ ޖެނެރަލް އާއި ފައިނޭޝަލް ކޮންޓްރޯލާ އެވެ. މި ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް ހޮވާނީ ކައުންސިލް މެންބަރުންގެ ތެރެއިން އެ މަގާމުތަކަށް ވާދަކުރާ މެންބަރުގެ މެދުގައިނަގާ ސިއްރު ވޯޓުން ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
މި ބިލުގައި އިތުރަށް ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި، ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސް ގެ ހިދުމަތް ދިނުމަށްޓަކައި ދޫކުރަންޖެހޭ ހުއްދަތައް ދޫކުރެވޭނެ އިންތިޒާމު އިންސް ޓިޓިއުޓުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތަށްފަހު އޮޑިޓާ ޖެނެރަކްގެ ފަރާތުން ދޫކޮށްފައިވާ އޮޑިޓްގެ މަސައްކަތް ކުރުމުގެ ހުއްދަ ވެސް ބާތިލްވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ބިލުގައި ބުނެފައި ވަނީ މިގާނޫނުގެ ދަށުން ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސްގެ ހިދުމަތް ދޭ ފަރާތްތަަކަށް ކިޔާނީ ލައިސަންސް އޮޑިޓަރުން ކަމަށެވެ.