އިލެކްޝަންސް ކޮމިޝަން

2020 ގައި އަންހެނުންގެ ކޮމެޓީތަކަށް 929 މެންބަރުން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި 929 މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރަށްތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާނީ 895 މެންބަރުން ކަމަށެވެ. އަދި ސިޓީތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާނީ 34 މެންބަރުން ކަމަށެވެ.

އެހެންކަމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ ޖުމްލަ މެންބަރުންގެ އަދަދަކީ 929 އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ލޯކަލް ކައުންސިލް އިންތިޚާބާއެކު އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު މި އިންތިޚާބުގައިވެސް ވޯޓްލުމުގެ ހައްގު ލިބިފައިވާ ދެ ޖިންސުގެ ކޮންމެ މީހަކަށްމެ ވޯޓް ދިނުމުގެ ހައްގު އޮންނާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އިސް ތަރްޖަމާން އަހުމަދު އަކްރަމް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށްވެސް ބޭނުންކުރާނީ ކައުންސިލް އިންތިޚާބަށް ތައްޔާރުކުރާ ވޯޓާސް ލިސްޓް ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކުން 372 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ވަނީ ނިންމާފައެވެ. ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 12 އެވެ.