ދަނޑުވެރިކަން

ދަނޑުވެރިންނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދީފި

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މި އަހަރުގެ މިހާތަނަށް ދަނޑުވެރިންނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދަނޑުވެރިކަން ކުރިއަރުވަން ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތް ހިއްސާ ކުރުމުގެ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ފައިސަލް ވިދާޅުވީ މިދިޔަ މާޗު މަހު ތައާރަފު ކުރި "ދަނޑުވެރި ނަފާ" ލޯން ސްކީމްގެ ދަށުން ދަނޑުވެރިންނަށް 2،250،0000 ރުފިޔާގެ ލޯން ދީފައިވާ ކަމަށެވެ.

ފައިސަލް ފާހަގަ ކުރެއްވި ގޮތުގައި ލޯން ސްކީމަށް މިހާތަނަށް ހުށަހެޅި 25 ފަރާތަށް ދޫކޮށްފައި ވަނީ 75،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ ލޯނުތަކެވެ. އެ ގޮތުން 75،000 ރުފިޔާއިން މަތީގެ ކޮންމެ ލޯނަކަށް ރަހުނު ބަހައްޓަން ޖެހޭ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯން ދޫކުރުމުގައި މައިގަނޑު ހަތަރު ދާއިރާއަކަށް ބަލާފައިވާނެ އެވެ. އެއީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރުމާއި، އެގްރޯފޮރެސްޓްރީ އާއި، ގަހުގެ ނާސަރީ އުފެއްދުން، އަދި ދިރޭ ކުދި ޖަނަވާރު ގެންގުޅެގެން ދަނޑުވެރިކަން ކުރުމެވެ. އެ ދާއިރާތަކަށް ލޯން ދޫކުރިއިރު ވެލިއު އެޑްކޮށްގެން ތަކެތި އުފައްދާ ވަރު ވެސް ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯނުގެ ފައިސާ ބޭނުން ކުރެވެނީ ސީދާ ދަނޑުވެރިކަމަށް ކަން ޔަގީން ކުރުމަށް ވެސް މި ފަހަރު މިނިސްޓްރީން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ލޯނަށް އެދި ހުށަހަޅާއިރު ބޭނުންތަކެތީގެ އަގާއި ކޯޓޭޝަން ހުށަހަޅަން ޖެހޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ދަނޑުވެރިކަން ކުރިއަރުވަން އަންނަ އަހަރަށް ގިނަ މަސައްކަތްތަކެއް ރާވާފައި ހުރިކަން މިނިސްޓްރީން މިއަދު ފާހަގަކުރި އެވެ. އެ ގޮތުން އިންޓަނޭޝަން ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން 3.5 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްއަކާއި ދަނޑުވެރިކަމުގެ ކުންފުނީގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު މާރުކޭޓެއް ހުޅުވުން ހިމެނެ އެވެ.