ހަބަރު

ގާސިމްގެ ގާތިލުންގެ ޑީއެންއޭ އަދި ފިންގާޕްރިންޓް ހޯދައިފި

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުންގެ ޑީއެންއޭ އަދި ފިންގާޕްރިންޓް ހޯދިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިކަން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމްގެ މަރަށް ހަފްތާއެއް ފަހުން އެ މަރާ ގުޅޭ ތަފްސީލް ފުރަތަމަ ފަހަރަށް ހާމަކުރައްވާ ސީޕީ ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ގާސިމަށް ހަަމަލާދިން އާލަތް ހޯދާފައިވާ ކަމަށެވެ. އަދި އޭގެން ގާތިލުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ފެނިފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ގާސިމަށް ހަމަލާދިން ކަމަށް ބެލެވޭ ތަކެތި ހޯދާފައިވަނީ ގާސިމް ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދާ 300 ފޫޓު ދުރުން ވިނަގަނޑެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކާއެކު ގާސިމްގެ ގާތިލުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ހުޅުމާލޭގައި ގާސިމްގެ ޓެކްސީ އެންމެ ފަހުން ދުއްވާފައިވާ ސަރަހައްދުތަކުގެ ސީސީޓީވީ ފްޓޭޖްވެސް ބަލާ ދިރާސާކޮށްފައިވާ ކަމަށެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ މިިދިޔަ ބުދަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ. މަޑުމައިތިރި މީހުންނާ ގުޅޭ ގާސިމްއަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޓެކްސީ ކުރަމުންދާ މީހެކެވެ. ގާސިމް މަރާލި ދުވަހުގެ ކުރީ ދުވަހުގެ ހަވީރު މާލޭގައި ގާސިމް ދުއްވާ ޓެކްސީއާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި އެވަގުތު ސައިކަލްގައި ތިބި މީހުން ގާސިމަށް އިންޒާރު ދީފައިވާ ކަމަށްވެސް އަޑު ފެތުރިފައިވެއެވެ.