ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ހުކުމް، މިއަދު ތަންފީޒު ކުރަން ފަށާފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެމަނިކުފާނަށް އަންގައިފި އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ގިނަ ދައުވާތަކެއް އުފުލިއެވެ. އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ސައީދުގެ އާއިލީ ބޭފުޅަކު ވިދާޅުވީ ދެ ހުކުމެއްގެ މުއްދަތު ހަމަވެފައިވާއިރު، ކަރެކެޝަންގެ މުވައްޒަފުން އައިސް ފޯނުގެ މައްސަލައިގެ ހުކުމް މިއަދު ފެށިފައިވާ ކަން އަންގާފައިވާ ކަމަށެވެ. އަދި ސައީދު މިނިވަންވުމަށް އެއް އަހަރާއި ހަތްމަސް ބާކީ އެބައޮތްކަން އަންގާފައިވާ ކަމަށެވެ.
"އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު މިއަދު ހަމަވުމާއެކު ކަރެކްޝަނުގެ މުވައްޒަފުން އައިސް ފޯނުގެ މައްސަލައިގެ ހުކުމް ފެށުނީ ކަމާއި އަދި އެއްއަހަރާއި ހަތްމަސް ބާކީ އެބައޮތްކަން އަންގާފައި ހިނގައްޖެ. އަދުލުއިންސާފު މެކުހަށް." ސައީދުގެ އާއިލީ ބޭފުޅަކު ވިދާޅުވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު އެވެ. ސިޔާސީ އެތައް ލީޑަރުންނެއް މިނިވަންކުރުމަށް އަންގާ ނެރެފައިވާ އެ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ސިފައިން މެދުވެރިކޮށް ސުޕްރީމްކޯޓްގެ ތެރެއަށް ވަދެ އަބްދުﷲ ސައީދާ، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކޮށްފައެވެ.
އޭގެ ފަހުން ދައުވާތައް އުފުލާ، އެ ދައުވާތައް ސާބިތުވުމުން އެ ދެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިއެވެ. ރައީސް ޔާމީން، ރިޔާސީ އިންތިޚާބުން ބަލިވުމާއި ހަމައަށް ދެ ފަނޑިޔާރުންވެސް ތިއްބެވީ ޖަލުގައެވެ. އޭގެ ފަހުން އެ ބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ. އަލީ ހަމީދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މިނިވަންވެފައެވެ.