ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހުރިހާ ގޮނޑިތަކަށް ވާދަކުރުމަށް ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އިންތިހާބާއި ބެހޭ ކަންތައްތަކުގައި އިސްކޮށް ހުންނެވި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް ނިކުންނާނީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށެވެ. އެގޮތަށް ޕީޕީއެމް/ޕީއެންސީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއެއްގައި ހިމެނޭ ހުރިހާ ގޮނޑިތަކަށް ވާދަކުރުމަށް ޕީޕީއެމުން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ނިންމީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑުމެންގެ ކޯލިޝަން ފަރާތުން ވާދަކުރުމަށް. ވާދަކުރާއިރު ވާދަކުރާނީ ޕީޕީއެމްގެ ފަރާތުން ކަމަށް. އާދެ އިރާދަކުރެއްވިއްޔާ ޕީޕީއެމްގެ ފަރާތުން ހުރިހާ ދާއިރާތަކަކަށްވެސް ކުރިމަތިލާނެ. ހުރިހާ ދާއިރާގެ ހުރިހާ ގޮނޑިތަކަށްވެސް ވާދަކުރުމަށް އަޅުގަނޑުމެން ނިންމީ." ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެންބަރުންނަށް މިއަދުން ފެށިގެން ފޯމް ދޫކުރަމުން ގެންދާނެ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓް ހޯދަން ބޭނުންވާ ޕީއެންސީގެ މެންބަރުންވެސް އޭގެ ކުރިން ޕީޕީއެމްއާއި ގުޅި ޕާޓީގެ ޓިކެޓަށް އެދުމަށް މުއިއްޒު އިލްތިމާސް ކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ އެއް ދާއިރާއަކަށް ނުވަތަ ގޮނޑިތަކަށް ގިނަ މެންބަރުންތަކެއް ކުރިމަތިލާނަމަ ޕާޓީގެ ޓިކެޓް ދޭނީ ޕްރައިމަރީ އަކަށްފަހު ކަމަށެވެ. އަދި ޕްރައިމަރީ ބާއްވަންޖެހޭ ހުރިހާ ދާއިރާ އެއްގައި ޕްރައިމަރީ ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި 980 މީހަކު އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.