ހަބަރު

އިސްކަމެއް ދެނީ ރައްކާތެރިކަން ކަށަވަރުކޮށްދޭން: ފައިސަލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް އެގޮތަށް ވިދާޅުވީ "ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ގައުމީ ހަރަކާތް ފައްޓަވައިދެއްވަމުންނެވެ. ފައިސަލް ވިދާޅުވީ، އެ ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން ފެށި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއްކަމަށާއި، މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ މަގުމަތީގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކާއި އަދި މިހާރުވެސް ހިނގަމުންދާ ހާދިސާތަކަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި މައްސަލަތައް ކަމަށާއި، މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ޝިކާރައަކަށްވެ ދަރިއަކު ދުނިޔެދޫކޮށްދާންޖެހުމަކީ އެއްވެސް މީހަކު އެމީހަކު އެދޭނެ ކަމެއް ނޫން ކަމަށްވާއިރު، ދުވެލި މަޑުކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލްގައި އޮތްކަމެއްކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.

"ގަވައިދުތަކާއި ގާނޫނު ހެދިފައި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އެއްވެސް ހާލެއްގައި ގާނޫނަކީ ނުވަތަ ގަވާޢިދަކީ މީހަކަށް އަނިޔާއެއްދިނުމުގެ ގޮތުން ހެދޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފަ ހުރި ގާނޫނުތައް." ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން، އެކިއެކި މަސައްކަތްތަކުގައި އެކި ފަންތީގައި ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެމީހުންގެ ކިބައިންވެސް ކަންތައްތަކެއް ރަނގަޅުވެގެންދާނީ، އަޅުގަނޑުމެން ނަމޫނާ ދައްކައިގެން ކަމަށެވެ. އަދި އަޅުގަނޑުމެންގެ ގައުމުގައި އެތަކެއް ބިދޭސީން އުޅެމުންދާއިރު، އެފަރާތްތަކަށް މިގައުމުގެ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާއި އަޅުގަނޑުމެންގެ ހަމަތައް އެފަރާތްތަކަށް ކިޔައިދޭންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ މިގައުމައިގެން، އެންމެން މިއުޅެނީ ކުރިޔަށްދާން. ތަރައްގީވެފައިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިޔަށްދާއިރު، ހުރިހާކަމެއްވެސް އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭނެ. މަގުމަތީގައި އަޅުގަނޑުމެންގެ މުއާމަލާތްތަކާ، ދުއްވުމާ، އުޅުމާ، މި ހުރިހާ ކަމަކީ މިއީ އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭނެ ކަންކަން." ފައިސަލް ވިދާޅުވި އެވެ.

"ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ހިނގާލުމަކީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާތައް ޝާމިލްވާގޮތަށް ހިންގި ގައުމީ ހަރަކާތެކެވެ.