އަހުމަދު ޝިޔާމް

ޗައިނާއާ މެދު އަމަލުކުރާ ގޮތުން ނިކަމެތިވާނީ ދިވެހިން: ޝިޔާމް

ޗައިނާއާ ގުޅޭގޮތުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ހަގީގަތާއި ހިލާފު ވާހަކަތަކުގެ ސަބަބުން ނިކަމެތިވާނީ ދިވެހި ރައްޔިތުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޗައިނާއާއި ގުޅޭގޮތުން ރައީސް ނަޝީދު އަނެއްކާވެސް ގެންދަވަނީ ތަފާތު ވާހަކަތައް ދައްކަވައި، ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ސަބަބުން ރާއްޖެ ވެއްޓިފައިވަނީ ދަރަނީގެ އަނދަވަޅަކަށް ކަމަށާއި ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީޓްރޭޑް އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ ވާހަކަތައް ކުށްވެރިކުރައްވާ ޝިޔާމް ވިދާޅުވީ ނަޝީދު ގަބޫލުނުުކުރެއްވި ނަމަވެސް ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއަކީ ޗައިނާ ކަމަށެވެ. އަދި ޗައިނާގެ އެހީތެރިކަން ރާއްޖޭގައި ފެންނަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއަކީ ޗައިނާ. އަޅުގަނޑުމެން ފެންނަން އެބަހުރި ޗައިނާގެ އިންވެސްޓްމަންޓްތައް. ޗައިނާގެ އިންވެސްޓްމަންޓްތައް އައިމާ ދިވެހި ރައްޔިތުންނަށް، ވިޔަފާރިވެރިންނަށްވީ ފައިދާ އެނގޭނެ އެ ބޭފުޅުންނަށް އަޅުގަނޑު އެ ވާހަކަ ނުދެއްކިޔަސް. އެކަމަކު މިއަދު މި ކުރަނީ ކީއްތޯ. ދިވެހި އިގްތިސާދަށް އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް މި ދެނީ ޗައިނާގެ ފަތުރުވެރިން," މެންބަރު ޝިޔާމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކުގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ފެންނާނީ ހިތިކޮށް ކަމަށާ އެ ވާހަކަތަކުގެ ސަަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ނިކަމެތި ވާނީ ދިވެހި ރައްޔިތުންނަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ނަޝީދާއި ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝިޔާމް ރޭ ވިދާޅުވީ ވެރިކަމުގައި މިއަދު ތިބީ ގައުމާއި ރައްޔިތުންނަށް އެއްވެސް މިންވަރަކަށް ހެޔޮ އެެދޭނެ ބައެއް ނޫން ކަމަށެވެ. އެއީ ގައުމު އަޅުވެތި ކުރުމަށްފަހު ކުޑަ އަގެއްގައި ރާއްޖެ ވިއްކާލުމަށްފަހު ފިލަން ތައްްޔާރުވެގެން ތިބި ބައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު މި އައިސް އޮތް ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެން އައި ސަރުކާރެއް ނޫނޭ. އެމީހުންގެ އަމިއްލަ އެޖެންޑާ ދެތިން އަަހަރުތެރޭ ފުއްދާލާފަ ފިލަން އައި ސަރުކާރެއް ކަމަށް އަޅުގަނޑުމެންނަށް ސިފަ ކުރެވެނީ. އަޅުގަނޑުމެން އަޅުވެތި ކުރުވާފައި، ގައުމު ތިންސަތޭކަ، ހަތަރު ސަތޭކަ މިލިއަނެއްހާ ޑޮލަރަށް ވިއްކާލާފައި ގައުމު ދޫކޮށްދާން އުޅޭ ބައެއް މިއީ. ބައްލަވާ ތި ބޭފުޅުން ވަކިވަކިން މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން، އެ ބޭފުޅުންގެ އަތުގައި އޮންނާނެ ޑްވަލް ސިޓިޒަންޝިޕް. އެހެން ގައުމެއްގެ ޕާސްޕޯޓް އެއިން ކޮންމެ ބޭފުޅަކު އަތުގައި އޮންނާނެ." ޝިޔާމް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ-ޗައިނާ ގުޅުމާ ގުޅޭގޮތުން ވާހަކަތަކެއް ވަނީ ދައްކަވާފައެވެ. "ލޮކް ސަބާ ޓީވީ" ގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ މެދުވެރިކޮށް ގައުމަށް ގެނައި އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެފައި ވަނީ ޗައިނާއަކީ އެހެން ގައުމުތަކުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާނެ ގައުމެއް ނޫން ކަމަށާއި ޗައިނާގެ ބޭނުމަކީ ގައުމުތަކަށް މާލީ ގޮތުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ދެމި އޮތުން ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ އެއްވެސް ބިމެއް "ޖަހައި"ގެންފައިވޭތޯ ސަފީރު ސުވާލު ކުރެެއްވިއެވެ.

ރައީސް ނަޝީދު އިންޑިއާގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ސަފީރު ވިދާޅުވީ ޗައިނާ-ރާއްޖެ ގުޅުމަށް ބުރޫއަރާ ފަދަ ވާހަކަތަކެއް ބޭފުޅަކު ދައްކަވައިފި ކަމަށެވެ. އަދި އެ ވާހަކަތަކަކީ އަސާސެއް ނެތް ނާޒުކު ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސަފީރު ވިދާޅުވީ ޗައިނާ އޮތީ ރާއްޖެ ތަރައްގީ ކޮށްދޭނެ ބައިވެރިއެއްގެ ގޮތުގައި ކަމަށާ މިހާރުވެސް ފަތުރުވެރިކަން ފުޅާކޮށް އިޝްތިހާރު ކުރުމުގައި އެންމެ މުހިންމު ބައިވެރިއަކީ ޗައިނާ ކަމަށެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީޓްރޭޑް އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށްވެސް ސަފީރުގެ ޓްވީޓްތަކުގައި ރައްދު ދެއްވާފައިވެއެވެ. ސަފީރު ވިދާޅުވީ އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އަދި ވިސްނަންޖެހޭ އެތައް ކަމަކަށް ވިސްނުމަށްފަހު ކަމަށެވެ. އެއީ ދެ ގައުމުގެ ފައިދާއަށް އޮތް އެއްބަސްވުމެއްކަން ފާހަގަ ކުރައްވާ ސަފީރު ވަނީ އިތުރު ނިންމުންތަކެއް ސަރުކާރުން ނިންމާނަމަ އެ ނިންމާ ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމާ ރަނގަޅު ނިންމުމަކަށްވާން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދާއި، ރައީސް ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޓެގް ކުރައްވާ ކުރެއްވި ޓްވީޓްތަކުގައި ޗައިނާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމަށް ސިޔާސީ ވެރިން މިހާރަށްވުރެ ޒިންމާދާރު ވުމަށްވެސް ގޮވާލައްވާފައެވެ.