ވިޔަފާރި

ބަޖެޓުގެ އަހަރީ ކޭޝް ފްލޯ 23 ގެ ކުރިން ހުށަހަޅަން އަންގައިފި

Dec 14, 2019
8

މި އަހަރު ދައުލަތުގެ އޮފީސް ތަކުން ބަޖެޓު، ބޭނުންކުރި ގޮތުގެ އަަހަރީ ކޭޝް ފްލޯ މި މަހު 23 ގެ ކުރިން ހުށަހަޅަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވާ ގޮތުން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ބަޖެޓުގެ ކޭޝް ފްލޯ ތައްޔާރު ކުރުމަށްޓަކައި ބަޖެޓުގެ ޑިސްބަސްމަންޓް ޖަދުވަލުތައް ތައްޔާރުކޮށް، މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ އެންމެހާ އޮފީސް ތަކުން އަހަރީ ކޭޝް ފްލޯ ތައްޔާރު ކުރުމަށްފަހު، އެ މިނިސްޓްރީ އަށް ހުށަޙަޅަން ވާނެ ކަމަށާ، ދައުލަތުގެ އޮފީސްތަކަށް އަންނަ އަހަރުގެ ބަޖެޓް ދޫކުރެވޭނީ އޭރުން ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.

"މިގޮތުގެ މަތިން 2020 ގެ ބަޖެޓް ޑިސްބާސް ކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުން މަޖިލީހަށް ހުށަހަޅާ ބަޖެޓް ޑިސްބާސްމަންޓް ޕްލޭން އާއި އެއްގޮތްވާ ގޮތުގެ މަތިން މަހުން މަހަށެވެ،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ރައްޔިތުން މަޖިލީހުން މިއަހަރަށް ފާސްކޮށް ހަރަދު ކުރަމުން ގެންދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރަށް ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެެއް ފާސްކޮށްދީފަ އެވެ.