ދުނިޔެ

ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ފާސްކޮށްފި

Dec 14, 2019

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ފޯނު ކުރައްވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސިޔާސީ ވާދަވެރިއާ ދެކޮޅަށް ނާޖާއިޒު ފައިދާ ނެންގެވި މައްސަލައިގައި، ޓްރަމްޕު މަގާމުން ދުރުކުރުމަށް އިދިކޮޅު ޑިމޮކްރޮޓްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހައުސް ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވާ ދެ މައްސަލައެއް އެ ކޮމިޓީން ފާސްކޮށްފި އެވެ.

ހައުސް އޮފް ޖުޑިޝަރީއަކީ އިދިކޮޅު ޑިމޮކްރެޓިކުންގެ މެޖޯރިޓީ އޮންނަ ކޮމިޓީއެކެވެ. ކޮމިޓީގައި ތިއްބެވި ރިޕްބްލިކަން ބޭފުޅުން ވަނީ ވޯޓު ދިނުމަށް ދެކޮޅު ހަދާފަ އެވެ. ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލަ ދެން ދާނީ ފުލް ހައުސްގެ ވޯޓަށެވެ. ޑިމޮކްރެޓިކުންގެ ކޮންޓްރޯލް އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި އެ ވޯޓު، ފެށޭ ހަފުތާގައި ނަގާނެ ކަމަށް ބެލެވެ އެވެ. އިމްޕީޗް ކުރާ ދެ މައްސަލަ ފާސްވީ ކޮމިޓީގެ 23-17 ވޯޓުންނެވެ.

ޓްރަމްޕު މަގާމުން ދުރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވަނީ އިންޓެލިޖެންސް ކޮމިޓީގެ ޗެއާމަން އެޑަމް ޝިފް އެވެ. އެޑަމް ޝިފް މީގެ ކުރިން ވިދާޅުވެފައިވަނީ، ޓްރަމްޕު މަގާމުން ދުރުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ. އަދި އެހެކިތަކުގެ އިތުރުން އާ ހެކިތަކެއް ވެސް ލިބިފައިވުމުން ޖުޑިޝަރީ ކޮމިޓީއަށް އެ ހެކިތަށް ފޮނުވާފައިވާ ކަމަށެވެ. ޖުޑިޝަރީ ކޮމިޓީއަށް އިންޓެލިޖެންސް ކޮމިޓީން ހުށަހެޅީ ހެކިތަކާ ދެކޮޅަށް ވަކާލާތު ކުރަން ޓްރަމްޕާއި އޭނާގެ ގާނޫނީ ޓީމުން ވަނީ ދެކޮޅު ހަދާފަ އެވެ.

އިދިކޮޅުން ޓްރަމްޕު މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތަށް ޓްރަމްޕު ވަނީ ރައްދު ދެއްވާފަ އެވެ. އާންމު ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، މަގާމުން ދުރުކުރަން ޖެހޭ ވަރުގެ ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މިއީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ޔޫކްރެއިންގެ ރައީސަށް ގުޅުއްވައި އެދި ވަޑައިގަތީ ވާދަވެރި ސިޔާސީ ލީޑަރަކު ޔޫކްރެއިންގެ ހަކަތަ ކުންފުންޏަކާއެކު ހިންގި ވިޔަފާރި މުއާމަލާތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަ ބަލައި ދެއްވަން ކަމަށެވެ. ނަމަވެސް އިދިކޮޅުން ދެކެނީ އެއީ 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.