ޑީއާރްޕީ

ޑީއާރުޕީގެ ޓިކެޓަށް ބޮޑު ޝަރުތެއް!

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން 100 މެންބާޝިޕް ފޯމާއެކު ހުށައެޅުމަށް އެ ޕާޓީން އެދިއްޖެ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ދަނީ ތައްޔާރުވަމުންނެވެ. އަދި ޕާޓީތަކުން ޓިކެޓް ދޭނެ އުސޫލުތައް ދަނީ ހާމަކުރަމުންނެވެ.

ރާއްޖޭގައި ދެވަނަ އުފެދުނު ސިޔާސީ ޕާޓީކަމަށްވާ ޑީއާރުޕީން ބުނީ އެ ޕާޓީގެ ޓިކެޓްގައި 2020 ގެ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. ޓިކެޓް ދިނުމުގައި ބެލެވޭނީ މަދުވެގެން 100 އައު މެންބަރުންގެ ފޯމް ހުށައެޅުމާއެކު ގާނޫނީ ޝަރުތު ފުރިހަމަވުން ކަމަށް ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުން ޕާޓީތަކުގެ މެންބަރުން ދަނީ ޝައުގުވެރިކަން ފާޅުކޮށް ތާއީދު ހޯދުމަށް ކެންޕެއިން ކުރަމުންނެވެ. އެމްޑީޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީތަކުން ޓިކެޓް ދޭނީ ޕްރައިމަރީ އަކަށްފަހު ކަމަށް ބުނެފައެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10،000 މެންބަރުން ހަމަވާ ތިން ސިޔާސީ ޕާޓީއަކީ އެއީއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް އޮތްއިރު ގިނަ ޕާޓީތަކުން މިފަހަރުގެ ކައުންސިލް އިންތިހާބުގައި ވާދަކުރާނެ އެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބު 2020 ގައި 980 މީހަކު އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.