ވިޔަފާރި

މުވައްޒަފުންނަށް ބޯނަސް ނުދޭ ސަގާފަތަށް ވަރުގަދަ "ޖަވާބު"އެއް

Dec 15, 2019
9

މުވައްޒަފުންނަށް ބޯނަސް ދިނުމަކީ ދުނިޔޭގެ އާ ކަމެއް ނޫނެވެ. އެކަމަކު މިއީ ރާއްޖޭގައި އެހާ އާއްމު ކަމެއް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ހިންގާ ކުންފުނިތަކުގެ ތެރެއިން ވެސް މުވައްޒަފުންނަށް ބޯނަސް ބަހަނީ މަދު ބަޔެކެވެ. އެކަމަކު 2017 ވަނަ އަހަރު އުފެދުނު "ޖަވާބު" ކުންފުނިން މި ވަނީ ބޯނަސް ނުދޭ ކުންފުނިތަކަށް މި އަހަރު ވަރުގަދަ ޖަވާބެއް ދީފަ އެވެ. މި ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ދީ އެކަން ވަނީ އާއްމުކޮށްފަ އެވެ.

"ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރަން ޖެހޭ. އެ ބޭނުމުގައި އަޅުގަނޑުމެން ބޯނަސް ދޭން ނިންމީ. ބޭނުން ވަނީ ކުންފުންޏަށް ލިބޭ ކުރިއެރުން މުވައްޒަފުންނާ ހިއްސާ ކުރުން،" ޖަވާބު ކުންފުނީގެ، މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، މުހައްމަދު ޖައިލަމް ވިދާޅުވި އެވެ.

ބޯނަސް ދީ، ކުންފުނިން ޖަވާބު ދިން އިރު، މި ކުންފުނީގެ މަސައްކަތަކީ ކޮބައި ހެއްޔެވެ؟

"ޖަވާބު" ގެ މައިގަނޑު މަސައްކަތަކީ ވެބްސައިޓް ޑިވްލޮޕް ކުރުމާއި އައިޓީއާ ގުޅުންހުރި ބައެއް މަސައްކަތްތައް ކުރުމެވެ. މި ދާއިރާގައި މި ކުންފުނި ކުޑަނަމަވެސް، އެ ކުންފުނިން ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ. މިގޮތުން ސަރުކާރުގެ އޮފީސްތަކުގެ ވެބްސައިޓްތަކާއި ޕޯޓަލްތައް ހެދުމުގެ ގިނަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ. ޖަވާބަށް މައިގަނޑު އާމްދަނީ ލިބެނީ މި މަސައްކަތުންނެވެ. އެގޮތުން މި ކުންފުނިން ވަނީ ޖޮބް ސެންޓަރުގެ ޕޯޓަލް އާއި ފިޝަރީޒް މިނިސްޓްރީގެ ދެ ޕޯޓަލްގެ އިތުރުން އީޓުކުރި ވެބްސަޓާއި މި ނޫން ވެސް ބައެއް ސައިޓުތައް ހަދާފަ އެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ ސައިޓެއްގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ފަށާފަ އެވެ.

"ޖަވާބު" ކުންފުނީގެ އެމްޑީ ޖައިލަމް ވިދާޅުވި ގޮތުގައި ކުންފުނި ކުޑަނަމަވެސް އަދި ލިބޭ އާމްދަނީ ކުޑަނަމަވެސް މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަަށެވެ.

"ބޭނުންވަނީ މި ޑައިލޮގް [ބޯނަސް ބެހުމުގެ] ރާއްޖޭގައި ފަށަން. ކޮންމެ އަހަރެއް ނިންމާފަ، މުވައްޒަފުންނަށް ބޯސް ދޭން ފަށަން. އެހެންވެ މި ފެށީ،" ޖައިލަމް ވިދާޅުވި އެވެ.

"ޖަވާބު" ކުންފުނީގައި ހަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މި ހުރިހާ މުވައްޒަފުންނަކީ ވެސް ދިވެހިންނެވެ. މީގެތެއިން ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 10،000ރ. މި އަހަރު ދިނެވެ. އެހެންވެ، ޖަވާބު ކުންފުނިން މި ދިނީ ވަރުގަދަ މެސެޖެއް ކަމަށް ބުނަން ފުރުސަތު އެބައޮތެވެ. ރާއްޖޭގައި މުވައްޒަފުންނަށް ބޯނަސް ނުދީ ތިބި ބޮޑެތި ކުންފުނިތަކަށް ޖަވާބު ދިނީ މުވައްޒަފުންނަށް ބޯނަސް ދީގެންނެވެ.