ނައުޝާގެ ހެލްތު ކޮލަމް

ނިއުމޯނިއާ އަކީ ކޮބަ؟

ނިއުމޯނިއާ އަކީ ފުއްޕާމޭގެ އިންފެކްޝަންއަށް ކިޔާ އާންމު ނަމެކެވެ. އެހެނީ އެއީ ފުއްޕާމެއަށް ކޮންމެވެސް ގޮތަކުން ޖަރާސީމް ދަތުރުކޮށް ފުއްޕާމޭގައި އަރިދަފުސް ހިފުމަށް މެދުވެރި ކުރުވާ ބައްޔެކެވެ. މީގެ ސަބަބުން ކެއްސުމާއެކު އަރިދަފުސް އައުމަށާއި ނޭވާލުމަށް އުނދަގޫވެ އަދި ހުން އައުން ފަދަ އުނދަގޫތައް މެދުވެރި ކުރުވަ އެވެ.

ނިއުމޯނިއާ އެންމެ އާންމުކޮށް ޖެހެނީ އަހަރުމެން ނޭވާ ލާ ވައިގައި ހުންނަ ބެކްޓީރިއާ ނުވަތަ ވައިރަހެއް ގެ ސަބަބުންނެވެ. އާންްމުކޮށް އަހަރުމެންގެ ދިފާއީ ނިޒާމަށް މި ޖަރާސީމްތައް އަހަރުމެންގެ ހަށިގަނޑަށް، ހާއްސަކޮށް ފުއްޕާމެއާ ހަމައަށް ދިޔަ ނުދިނުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދިފާއީ ނިޒާމާ ހަނގުރާމަކޮށް މި ޖަރާސީމްތައް ފުއްޕާމެއާ ހަމައަށް ފޯރާ، އިންފެކްޓް ވުމަށް މެދުވެރި ކުރުވަ އެވެ.

ނިއުމޯނިއާގެ ވައްތަރުތައް

ކޮމިނުއިޓީ އެކުއާޑް

މިއީ ނިއުމޯނިއާގެ އެންމެ އާންމު ވައްތަރެވެ. މިއީ ސިއްހީ ފަރުވާ ދޭ ތަންތަން ފިޔަވައި އަހަރުމެންގެ ވަށައިގެންވާ މާހައުލުގައި އެކުލެވޭ ބެކްޓީރިއާ، ވައިރަހެއް ނުވަތަ ފަންގަސްގެ ސަބަބުން ޖެހޭ ނިއުމޯނިއާ އެވެ.

ހޮސްޕިޓަލް އެކުއާޑް

މިއީ ކޮންމެވެސް އެހެން ބައްޔަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި ނުވަތަ އެފަދަ ސިއްހީ މަރުކަޒެއްގައި މަޑުކުރާ ކުރުމުގައި ހަށިގަނޑުގެ ތެރެއަށް އެ މާހައުލުން ވަންނަ ޖަރާސީމުގެ ސަބަބުން ޖެހޭ ނިއުމޯނިއާ އަށް ކިޔާ ނަމެކެވެ. ވެންޓިލޭޓާއަށް ގުޅާފައިވާ ބަލި މީހުންނަށް މިފަދަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތުތަައް ބޮޑެވެ.

އެސްޕިރޭޝަން ނިއުމޯނިއާ

އެސްޕިރޭޝަން ނިއުމޯނިއާއަކީ ފެން އަދި އެހެނިހެން ކާ އެއްޗިހި ފުއްޕާމޭއަށް އެޅުމުގެ ސަބަބުން ޖެހޭ ނިއުމޯނިއާ އެވެ.

ނިއުމޯނިއާ ޖެހުމަށް މަގުފަހިކުރުވާ ކަންތައްތައް

ނިއުމޯނައާ އަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ނަމަވެސް ތިރީގައި ބަޔާން ކުރެވިފައިވާ މީހުންނަށް ނިއުމޯނިއާ ޖެހުމުގެ ފުރުސަތުތައް ބޯޑެވެ.

  • ދެ އަހަރު ނުވާ ކުޑަކުދިން
  • 65 އަހަރުން މަތީގެ މީހުން
  • ކޮންމެވެސް ކަމަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ފަރާތްތައް
  • ދާއިމީ ބަލިތައް ހުންނަ ފަރާތްތައް (އެސްމާ، ސީއޯޕީޑީ، ހިތުގެ ބަލިތައް)
  • ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން
  • ކޮންމެވެސް ސަބަބަކާ ހުރެ ދިފާއީ ނިޒާމް ބަލިކަށި ވެފައިވާ ފަރާތްތައް (އައިޑްސް، ކީމޯތެރަޕީ ފަރުވާ ލިބެމުންދާ ފަރާތްތައް، ގިނަ ދުވަހަށް ސްޓިރޮއިޑްސް ނަގާ ފަރާތްތައް)

ނިއުމޯނިއާގެ އަލާމާތްތައް

ބައެއް ހާލަތްތަކުގައި ނިއުމޯނިއާ އަކީ ފަސޭހައިން ފަރުވާ ކުރެވޭ އެހާ ސީރިއަސް ބައްޔެއް ނޫން ކަމުގައި ވީނަމަވެސް އަނެއްބައި ހާލަތްތަކުގައި މިއީ ފުރާނައަށް ނުރައްކާ ކުރަނިވި ބައްޔެކެވެ. ބަލީގެ ނުރައްކާތެރިކަން ބިނާވަނީ ބަލި ޖެހުމަށް މެދުވެރި ކުރުވި ޖަރާސީމުގެ ބާވަތާއި، ބަލި މީހާގެ ސިއްހީ ހާލަތަށާއި އުމުރު ފަދަ ކަންކަމުގެ މައްޗަށެވެ. ވީމާ ބަލީގެ އަލާމާތްތައް ވެސް ބިނާވާނީ ހަމަ މި ކަންކަމުގެ މައްޗަށެވެ. އެހެނީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަ ކުދިން އަދި ކޮންމެވެސް އެހެނިހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ފަރާތްތަކަށް ނިއުމޯނިއާ އަކީ ފުރާނައަށް ނުރައްކާ ކުރުވަނިވި ބައްޔަކަށް ވުމުގެ ފުރުސަތުތައް ވަރަށް ބޮޑެވެ.

އެގޮތުން ނިއުމޯނިއާގެ އާންމު އަލާމާތްތަކަށް ބަލައިލާއިރު:

  • ކެއްސުމާއެކު އަރިދަފުސް އައުން
  • ނޭވާލާއިރު ނުވަތަ ކެއްސާއިރު މެއަށް ތަދުވުން
  • ވަރުބަލިވުން
  • ނޭވާލުމަށް އުނދަގޫވުން/ ނޭވާކުރުވުން
  • ހުންއައުން، ތުރުތުރު އެޅުމާއި ހީކެރުވުން، ދާހިތްލުން
  • ހޮޑުލެވުން
  • ބޭރަށް ހިންގުން

ކުރިންވެސް ފާހަގަ ކޮށްލެވުނު ފަދައިން ބައެއް ހާލަތްތަކުގައި މިއީ ފުރާނައަށް ނުރައްކާ ކުރުވަނިވި ބައްޔަކަށް ވެދާނެތީ މަތީގައި ބަޔާން ކުރެވިފައިވާ އަލާމާތްތަކުގެ ތެރެއިން އެއްވެސަ ކަމެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ޑޮކްޓަރަކަށް ދައްކަން ވާނެ އެވެ.

ބަލި ދެނެގަތުން

ނިއުމޯނިއާތޯ ޔަގީން ކުރުމަށް ޑޮކްޓަރު އެތަކެއް ޓެސްޓްތަކެއް ހެދުން އެކަށީގެން ވެއެވެ. އެގޮތުން ލޭގެ ޓޭސްޓެއްގެ އެހީގައި ހަށިގަނޑުގައި އިންފެކްޝަންއެއް ހުރިތޯ ބަލާ އިންފެކްޝަން ޖެހުމަށް މެދުވެރި ކުރުވި ޖަރާސީމްއަކީ ކޮބައިތޯ ބެލުމަށް މަސައްކަތް ކުރެވިދާނެ އެވެ. މީގެ އިތުރުން އެކްސްރޭ އެއް ގެ އެހީގައި ފުއްޕާމޭގެ އިންފެކްޓް ވެފައި ހުރި ސަރަހައްދާއި ނިއުމޯނިއާގެ ސީރިއަސްކަމުގެ ކުޑަ ބޮޑުމިން ލަފާ ކުރެވިދާނެ އެވެ.

މީގެ އިތުރުންވެސް ހަދާ އެކި ޓެސްޓްތަކުގެ ތެރޭގައި ޕަލްސް އޮކްސިމެޓްރީ (ލޭގައި އޮކްސިޖަން ހުރި ވަރު ދެނެގަތުމަށް)، ސްޕިއުޓަމް ޓެސްޓް އަދި ބައެއް ހާލަތް ތަކުގައި ސީޓީ ސްކޭން އަދި ސިރިންޖް ކައްޓެއްގެ އެހީގައި ފުއްޕާމޭގެ ވަށައިގެންވާ ފެން ފަށަލައިން ސާމްޕްލް އެއްނަގައިގެން ޓެސްޓް ތަކެއް ހެދުމަށް ޑޮކްޓަރު ލަފާ ދީފާނެ އެވެ. މީގެ ބޭނުމަކީ އިންފެކްޝަން ޖެހުމަށް މެދުވެރި ކުރުވި ބެކްޓީރިއާ، ވައިރަސް ނުވަތަ ފަންގަސް އަކީ ކޮބައިތޯ ބަލާ އެންމެ އެކަށޭނަ ފަރުވާ ދިނުމެވެ. އެހެނީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހިފައިވާ ނިއުމޯނިއާއެއް ނަމަ އެންޓިބައޮޓިކްސް ދެވޭނެއެވެ.

އަދި ބަލީގެ ސަބަބުން ދިމާވާ އެހެން މައްސަލަތައް ކަމަށްވާ ކެއްސުމާއި ހުންއައުން ފަދަ ކަންކަމަށް ކެއްސާތީ ދޭ ބޭސް އަދި ހުން ތިރިކުރުމަށް ބޭސް ދޭނެ އެވެ. ހަަމަ އެހެންމެ ނޭވާ ލުމަށް އުނދަގޫ ވުން ފަދަ ކަންކަމަށް ވެސް އެކަށޭނަ ފަރުވާ ދެވޭނެއެވެ. ވީމާ ފަރުވާ ބިނާވާނީ ޖަރާސީމުގެ ވައްތަރާއި ބަލިމީހާގެ ފަރާތުން ފެންނަ އަލާމާތްތަކުގެ މައްޗަށެވެ.

ބަލީގެ ސަބަބުން ދިމާވެދާނެ އިތުރު މައްސަލަތައް

ކުރިންވެސް ފާހަގަކުރެވުނު ފަދައިން ބައެއް ހާލަތްތަކުގައި ނިއުމޯނިއާއަކީ ފުރާނައަށް ގެއްލުން ކުރަނިވި ބައްޔެކެވެ. އާންމުކޮށް މިހެން ދިމާވަނީ ނިއުމޯނިއާ ޖެހުމަށް މެދުވެރި ކުރުވާ ޖަރާސީމުގެ ސަބަބުން ނެވެ. މިސާލަކަށް ބައެއް ބެކްޓީރިއާ ތަކަކީ މިއަދު އާންމުކޮށް ބޭނުންކުރާ އެންޓިބަޔޮޓިކްސް އިން ފަރުވާ ނުދެވޭ ބެކްޓީރިއާތަކެވެ. މީގެ އިތުރުންވެސް އެކަށޭނަ ފަރުވާ ނުދެވި ލަސް ވެއްޖެނަމަވެސް ފުރާނައަށް ނުރައްކާ ކުރުވަނިވި ކަންތައްތަކެއް ނިއުމޯނިއާގެ ސަބަބުން މެދުވެރިވުން ގާތެވެ. އޭގެތެރޭގައި:

  • ފުއްޕާމައިގައި ދޮސްލުން
  • ބެކްޓިރީމިއާ ނުވަތަ ލޭގެ ތެރެއަށް ބެކްޓީރިއާ ފެތުރުން

ބަލި ޖެހުމަށް މެދުވެރި ކުރުވަނިވި ބްކްޓީރިއާ ލޭގެ ތެރެއަށް ފެތުރިއްޖެނަމަ އެހެނިހެން ގުނަވަންތަކަށް އެ ބެކްޓީރިއާ ފޯރާ އެ ގުނަވަންތަކުގެ މަސައްކަތްތަކަށް ބުރޫ އަރާ ގެއްލުން ފޯރުވުމުގެ ފުރުސަތުތައް ބޮޑެވެ.

ނޭވާ ލުމަށް އުނދަގޫވުން

ނިއުމޯނިއާއަކީ ފުއްޕާމޭގެ އިންފެކްޝަންއެއް ކަމުން މީގެ ސަބަބުން ނޭވާ ލުމުގެ ނިޒާމަށް ހުރަސްތަކެއް އެޅުމަށް މެދުވެރި ކުރުވާ މެޝިނެއްގެ (ވެންޓިލޭޓާއެއް ގެ) އެހީގައި ނޭވާލުމަށް މެދުވެރި ކުރުވަފާނެ އެވެ.

ފުއްޕާމޭގެ ވަށައިގެންވާ ފެންފަށަލަ ބޯވެ އިތުރުވުން

ނިއުމޯނިއާގެ ސަބަބުން ފުއްޕާމޭގެ ވަށައިގެން އާންމުކޮށް ހުންނަ ތުނި ފެންފަށަލަ ބޯވެ އިތުރަށް ފެން ހެދުމަށް މެދުވެރި ވެއެވެ. މީގެ ސަބަބުންވެސް ނޭވާލާން އުނދަގޫވުން ފަދަ އިތުރު އެތައް މައްސަލަތަކެއް މެދުވެރިވާނެ އެވެ.

ނިއުމޯނިއާ އަކީ ބައެއް ހާލަތްތަކުގައި ފަސޭހައިން ފަރުވާ ކުރެވިދާނެ ބައްޔެއް ނަމަވެސް އަނެއް ބައި ހާލަތް ތަކުގައި ފުރާނައަށް ނުރައްކާ ކުރުވަނިވި ބައްޔެކެވެ. އެހެނީ ނިއުމޯނިއާގެ ސަބަބުން ފުރާނަ ނެތިދިއުމަށް މެދުވެރިވި މީހުންގެ ވާހަކައަކީ ދިވެހި މުޖުތަމައުންވެސް އިވޭ އަޑެކެވެ. ކަން މިހެން ހުރި އިރު މި ބަލީގެ އަލާމާތްތައް ދެނެގަނެ، ކުރީބައިގައި ފަރުވާ ހޯދުމަށް އަވަސްވެ ގަންނަން ވާނެ އެވެ.