ކޮލަމް

"ފެޓް ފްރެންޑް": މިވެސް ހާރިޖީ ސިޔާސަތެއް!

ރޮޑްނީ ޑޭންޖާފީލްޑް އޭ ބުނުމުން ފަހަރުގައި ނޭނގިދާނެ އެވެ. އޭނާއަކީ 1960 ގެ އަހަރުތަކުގެ ތެރޭގައި އަލިގަދަ ފަންނާނެކެވެ. މޮޅު އެކަޓަރެކެވެ. މިއުޒިޝަނެކެވެ. އަދި ޕްރޮޑިއުސަރެއްވެސްމެ އެވެ. އެކަމަކު ގިނަ ބަޔަކަށް ރޮޑްނީ އެނގި މަޝްހޫރުވެފައި ވަނީ ހުނަރުވެރި ކޮމީޑިއަންއެއްގެ ގޮތުގަ އެވެ. ދެހާސްހަތަރު ވަނަ އަހަރު ދުނިޔެއަށް އަލްވަދާއުކިޔާފައިވާ އެމެރިކާގެ މި ކޮމީޑިއަން ލޭޓްނައިޓް ޝޯތަކުގައި ދެއްކި ހެއްވާ މަޖާ ވާހަކަތައް މިއަދާ ހަމައަށްވެސް ދިރިދެމި އެބަހުއްޓެވެ.

ރޮޑްނީ ކިޔާ ޖޯކުތަކު ތެރެއިން ވަރަށް ވަރަށް މޮޅު އަދި އެހާމެ މަޖާ ޖޯކެއް އޮވެ އެވެ. އެއީ އެންމެ އަވަހަށް ހިކޭނެ ނުވަތަ ހިކި ކަމަށް ދައްކާނެ ގޮތުގެ މޮޅު އިޖާދެކެވެ. އޭނާ ބުނި ގޮތުގައި "އެންމެ ފަސޭހައިން ހިކި ކަމަށް ދައްކާނީ ވީހާވެސް ގިނައިން ތިމާއަށްވުރެ ފަލަ މީހުނާއެކު އުޅުން ވަރަކަށެވެ."

އެ ޖޯކުގެ މައިގަނޑު ވިސްނުމަކީ ތިމާއަށްވުރެ ފަލަ މީހުނާއެކު ހުންނަ ވަގުތު، އެ މީހުންނާ އަޅާބަލައިއިރު ތިމާ ހިކި ކަމަށް ދެއްކުމެވެ. މިއީ ޖޯކެއް ނަމަވެސް ހަމަ ހަގީގަތުގައި ވެސް ކަން އޮތް ގޮތެވެ. އަދި މި ވާހަކަ މިހާރު ދައްކަން މި ޖެހެނީ އެ ޖޯކުގެ މަފްހޫމް މި ފަހަކަށް އައިސް ފާޑަކަށް ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ވެސް ފޭދެމުން އަންނަ ކަހަލަ މަންޒަރުތަކެއް ފެންނަން ފެށުމުންނެވެ.

"ފެޓް ފްރެންޑް އިފެކްޓު"ގެ ބާނީއަކީ ރޮޑްނީ އެވެ. އެކަމަކު ރާއްޖޭގައި މިހާރު އެންމެ ސިޔާސީ "ވެއިޓް" ހުރި އެއް ބޭފުޅަކު، ރާއްޖެއަށް މި ގައުމަށް ގިނަ އެހީތައް ވި ދެ ގައުމު ވަރުން އެޅުވުމުގައި އެ އުކުޅު ބޭނުން ކުރެ އެވެ. މިހާރު އެންމެ ގާތް ގައުމުން ހަދަމުން އަންނަ ގޯސްތައް ފޮރުވަނީ ކުރިން އެހެން ގައުމަކުން ހަދާފައިވާ ގޯސްތައް "ފަލަކޮށްގެން" އެ ވާހަކަ ދައްކާ އެންމެންގެ ސަމާލުކަން އެކަމަށް އަނބުރާލައިގެނެވެ. -- އެ ބޭފުޅަކަށް ބައެއް މީހުން އެލެކްސް އަހުމަދޭ ވެސް ކިޔަ އެވެ.

ކުރު ދޮށީގައި އިންޑިއާ އިން އެކި ނަން ނަމުގައި ލޯނު ނަގަނީ އެވެ. އެކަމަކު އެ ގައުމުގެ ޕްރެސްތަކުގައި ދައްކަނީ ކުރީ ސަރުކާރުގައި ޗައިނާ އިން ރާއްޖެއަށް ދިން ލޯނުތަކުގެ އިންޓްރަސްޓު ބޮޑު ވާހަކަ އެވެ. ޗައިނާ ކުންފުނިތަކުން މަޝްރޫއުތައް ހިންގާފައިވަނީ އަގު ބޮޑުކޮށް ޖަހައިގެން ކަމަށް ވިދާޅުނުވެ، އިންޑިއާ ކުންފުނިތަކަށް އެންމެ މަޝްރޫއުއެއްވެސް ހަވާލުކުރެވޭ ކަމަކަށް މިހާރު ނުވެ އެވެ. ބޮޑެތި ލޯނުތައް ދީގެން، އަނބުރާ ނުދެއްކޭފަދަ ދަރަންޏެއް ރާއްޖޭގެ ބޮލުގައި އަޅުވަމުން ދާއިރު ދައްކަނީ ދިވެހި ބިންތައް ފޭރިގަންނަން އުޅޭ ތުހުމަތުގެ ވާހަކަތަކެވެ.

މި ސިޔާސަތުގެ ބޭނުމަކީ ކޮބާ؟

އިންޑިއާ އަތުން ލޯނު ނަގާނީ ކުޑަ އިންޓަރެސްޓް ރޭޓެއްގެ އޭ ވިދާޅުވުމުގެ ބަދަލުގައި، އެ ލޯނުތަކުގެ "ހިކި" މިންވަރު ދައްކަނީ ޗައިނާއިން ކުރިން ޝަރުތުކުރި "މަސް ފަލަ" އިންޓަރެސްޓް ރޭޓުތަކުގެ ވާހަކަ ދައްކައިގެނެވެ. މި ސަރުކާރުގެ ވެރިން އިރުއިރުކޮޅާ އިންޑީޔާއަށް ގޮސް ނަގާ ދަރަނިތަކާއި ހަވާލު ކުރާ މަޝްރޫއުތަކުގެ ވާހަކައެއްގެ އަޑެއް ނީވެ އެވެ. ކޮންމެ ދަތުރެއްގައި އެންމެ އަޑުގަދަ ވާހަކައަކަށް އޮންނަނީ ޗައިނާ ދަރަނީގެ ވާހަކަ އެވެ. މިއީ ސަމާލުކަން އަނބުރާލުން ނޫން ދެން އެހެން ކޯއްޗެއް ހެއްޔެވެ؟

ރައީސުންގެ ރައީސް ތާއަބަދު މި ދައްކަވަނީ ޗައިނާ އިން ރާއްޖެއަށް ދިން ލޯނުތަކާއި އެއްބަސްވުންތައް މުރާޖައާ ކުރަންޖެހޭ ވާހަކަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި އެގޮތަށް ޗައިނާ ގާތު އެދުނު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެހާ ގޯސްކޮށް ޗައިނާއިން ކަންތައްކޮށްފައިވާނަމަ، އެގޮތަށް ނޭދެންވީ ސަބަބެއް ވެސް ނުވިސްނެ އެވެ. އެހެނަސް، އެކަން ކުރުމުގެ ބަދަލުގައި މުޅި ދުނިޔޭގެ ކުރިމަތީގައި އެ ނޫން ވާހަކައެއް އެ ބޭފުޅާއަށް ދެއްކެވޭކަމަކަށްނުވެ އެވެ. ދެ ގައުމު ޖެހި ފިތުނަސް ވަރިހަމަކޮށްލައިގެންނެވެ.

"ޗައިނާއާ ބެހޭ ގޮތުން ދައްކާ ދޮގު ހަބަރުތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެއްވި ޓްވީޓްތަކުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދެ ކިލޯ ހިއްކާލައިފިން،" ޗައިނާގެ ސަފީރު ވެސް ޖޯކެއް ވިދާޅުވި އެވެ.

ދެން އޮތީ މި ސިޔާސަތުގެ އެހެން މަގުސަދެއް އޮތް ކަމުގެ ފުރުސަތެވެ. އެއީ އިންޑިއާއިން އިންޓަރެސްޓް ރޭޓާއި އަގުތައް ތިރި ކުރުމުގެ އުކުޅެވެ. ޗައިނާއިން ފައިސާ ދެނީ އަގުބޮޑުކޮށްނޭ ބުނެ، މަޝްރޫއުއެއް ހަވާލުކުރުމުގެ ކުރިން ނޫނީ ލޯނު ދިނުމުގެ ކުރިން އިންޑިއާ ޖެހިލުންކޮށްލުމެވެ. ސިޔާސީ ބޭފުޅެއްކަމުން، ސީދާ ވަކިކަމެކޭ ބުނާކަށް ހެޔޮވެސް ނުވާނެ އެވެ.

އެކަމަކު ކޮންމެ ކޮޅަކުން ބެލި ނަމަވެސް، މި ދެ ގައުމާއެކު އޮތް ޒަމާނީ ގުޅުމުގައި "ފެޓް ފްރެންޑް" ސިޔާސަތެއް ފެންނަމުން އެބަދެ އެވެ. އެއް އަތުން އިންޑިއާ އިން ދިއްކޮށްލާ ކޮންމެ އެހީއެއްގައި ހިފޭކަމަށްވަނީ، އަނެއް އަތުން ޗައިނާ ގައިގާ އެތިފަހަރެއް އަޅާލައިފަ އެވެ. ރޮޑްނީ ބުނި ގޮތުން ނަމަ، އިންޑިއާ "ހިކި" ކަމަށް ދެއްކޭނީ ޗައިނާ "ފަލަ" ކަމަށް ދައްކައިގެންނެވެ. ކޮންމެއަކަސް ކޮމީޑިއަން ރޮޑްނީގެ ޖޯކެއް މި އޮތީ ގައުމެއްގެ ބޮޑު ހާރިޖީ ސިޔާސަތަކަށް ވެފަ އެވެ.