ރައީސް މުހައްމަދު ނަޝީދު

ހުރިހާ ގޮނޑިތަކަށް އަންހެނުން ކުރިމަތިލާން ނަޝީދު ގޮވާލައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަަކަކަށް އަންހެނުން ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގައި ކައުންސިލްތަކުން ގިނަ ގޮނޑިތަކެއް އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމާފައިވާތީ ބައެއް ކައުންސިލަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމުން ފިރިހެނުންނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. ފިރިހެނުންނަށް ވާދަކުރެވޭ ތިން ގޮނޑި ކައުންސިލެއް ހިމަނާ ދެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ރާއްޖޭގެ ހުރިހާ އަންހެނުންނަށް ވަރަށް ބޮޑަށް އެދެން، ފިރިހެނުންގެ ހުރިހާ ގޮނޑިއަށްވެސް ކުރިމަތިލައްވާށޭ، އަންހެނުންގެ ހުރިހާ ގޮނޑިއަށްވެސް ކުރިމަތިލައްވާށޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބައެއް ފަހަރު އުނދަގޫ ކަންކަންވެސް ކުރަންޖެހޭ ފަހަރު އަންނާނެ ކަމަށާ އެގޮތުން މަޖިލީހުން މިފަހަރު ކޮށްފައިވަނީ އެފަދަ މަސައްކަތެއް ކަމަށެވެ. ނަމަވެސް އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ހާއްސަކުރި ގައުމުތަކަށް މިހާތަނަށް ހޯދިފައި ހުރީ މުޅިންވެސް ކާމިޔާބީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަންހެނުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށްވުރެ "ދެރަ" އަންހެނަކު މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށާ އެމަނިކުފާނަށް ކުރެއްވޭ މަަސައްކަތެއް ނުކުރެވޭނެ އަންހެނަކާވެސް ދިމާވެފައި ނެތް ކަމަށެވެ. އަދި އެމަނިކުފާނު މުޅި ހަޔާތް މިހާތަނަށް ހިންގައިދިނީވެސް އަންހެނުން ކަމަށް ވިދާޅުވިއެވެ.

"ބަރު އުފުލިޔަސް، އަންހެނުން އުފުލާނެ ފިރިހެނުންނާ އެއްވަރަށް. ބަރު އުފުލިޔަސް، ވަޅުކޮނުނަސް އަދި ކޮންމެ ގަނޑެއް ގަތަސް. އަޅުގަނޑަށް އެކަމުގައި ހަމަ އެއްވެސް ޝައްކެއްނެތް. އަޅުގަނޑު ނުދަންނަން އަޅުގަނޑަށްވުރެ ދެރަ ހަމަ އެންމެ އަންހެނެއްވެސް. އަޅުގަނޑު ކުރާ ކަންތައްތައް ނުކުރެވޭނެ އެންމެ އަންހެނެއް ނުދަންނަން. އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް އަންހެނުން ދަންނަން. ތިޔަ ތިޔަ ވިދާޅުވާ ކަހަލަ ދެރަވަރު އަންހެނަކާ އަދި ދިމައެއް ނުވޭ އަޅުގަނޑަކާ. އަޅުގަނޑުގެ ގައިމުވެސް މުޅި ހަޔާތް ހިންގައިދެނީ އަންހެނެއް."

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި 384 ގޮނޑި ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އެއީ ރަށު ކައުންސިލްތަކުގެ 372 ގޮނޑިއާއި ސިޓީ ކައުންސިލްތަކުން 12 ގޮނޑިއެވެ.

އަންހެނުންނަށް ކައުންސިލްތަކުން ވަކި އަދަދެއްގެ ހާއްސަ ކުރުމަށް ނިންމުމުން އެކަމާ އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. އަދި ސިޔާސީ ބައެއް ލީޑަރުންވެސް ގެންދަވަނީ އެ އިސްލާހާ ދެކޮޅު ހައްދަވަމުންނެވެ.