ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކައުންސިލަރުންގެ އަދަދު އިތުރުވުމަކީ ބުރައެއް ނޫން: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުކުރެވޭ ކައުންސިލަރުންގެ އަދަދު ބޮޑުތަނުން އިތުރުވީ ނަމަވެސް އެއީ ދައުލަތަށް ބުރައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކުރިން ތިބި ކައުންސިލަރުންގެ އަދަދު އިތުރުކޮށް 3000 ދަށުގެ ކޮންމެ އާބާދީއެއްގައި ފަސް ކައުންސިލަރުން ހިމެނޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އެކަމަށް ކުރަންޖެހޭ ހޭދަ ބެލުމަށްފަހު ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު އެ މިންވަރަށް އިތުރުވުމަކީ ބުރައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން އަޅުގަނޑުމެން ހިސާބުކޮށްފައި އެއީ އަޅުގަނޑުމެންނަށް އުފުލޭވަރުގެ ކަމެއް ކަމަށްވާތީ. އެކަމަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަންޖެހެނީ 48 މިލިއަން ރުފިޔާ. އެކަމަކީ އަޅުގަނޑު ހިތުން ލާމަރުކަޒު ކުރެވިގެން ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް ބޮޑު އަދަދެއް ނޫން." ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގައި 3000 ދަށުގެ އާބާދީތަކަށް ކޮންމެ ކައުންސިލަކަށް އިންތިހާބުކޮށްފައިވަނީ ތިން ކައުންސިލަރުންނެވެ. ނަމަވެސް މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަަބަބުން ކައުންސިލަރުންގެ އަދަދު ވަނީ ރަށްރަށާއި، އަތޮޅުތަކުގައި އަދި ސިޓީތަކުގައިވެސް އިތުރުވެފައެވެ.

ރައީސް ވިދާޅުވީ ހިޔާލަކީ ތަފާތު އެއްޗެއް ކަމަށާ ކައުންސިލްތަކުން ވަކި އަދަދެއް އަންހެނުންނަށް ކަނޑައެޅުމުންވެސް ބައެއް ހިޔާލު ތަފާތުވުންތައް އުފެދުނު ކަމަށެވެ. ނަމަވެސް އަންހެނުންނަށްވެސް ކުރެވޭނެ އެތައް ކަމެއް އެބަހުރި ކަމަށް ވިދާޅުވެ މި ސަރުކާރުގެ ކެބިނެޓްގައިވެސް 33 އިންސައްތައަކީ އަންހެނުން ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުތެރޭ ގައުމުތަކުގައި ތިއްބަވާ ފަސީރުންގެ ތެރޭގައި 50 އިންސައްތަ ތިބޭނީ އަންހެނުން ކަމަށް ވިދާޅުވިއެވެ.

2020 ގެ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 372 އެވެ. އަދި ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދަކީ 372 އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ގޮނޑިތަކަށް ދެ ޖިންސަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އަދި ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި 179 މީހަކު އިންތިހާބުކުރާނެ އެވެ. އެހެން ކަމުން ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހަކު އިންތިޚާބުކުރާނެ އެވެ.

އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މީހަކު އިންތިޚާބުކުރާއިރު، ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތުން 197 މީހަކު އަތޮޅު ކައުންސިލަރުންގެ ގޮތުގައި ތިބޭނެއެވެ.

ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 12 އެވެ. ސިޓީ ކައުންސިލަރުންގެ ގޮތުގައި އިތުރު 24 މީހަކު އިންތިޚާބުުކުރާއިރު އެ 24 ގޮނޑިއަށްވެސް ދެ ޖިންސަށް ވާދަކުރެވޭނެ އެވެ. ސިޓީ ކައުންސިލްގެ މޭޔަރުންގެ ގޮތުގައި ތިން ބޭފުޅަކު އިންތިޚާބު ކުރާއިރު ސިޓީތަކުގައި ޖުމްލަ ތިއްބަވާނީ 39 ކައުންސިލަރުންނެވެ.

2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 12
  • ސިޓީ ކައުންސިލަރުންގެ އަދަދު 24 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 3
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 39

ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.