ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލާނެ ކަމަށް އިިދިކޮޅު ކޯލިޝަނުން އިއުލާނުކޮށްފި އެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވެރިރަށް މާލެއަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށެވެ. އެ ބަދަލު ގެނެވޭނީ އެކަމުގެ ވިސްނުން ހުރި ބޭފުޅަކު އެ މަގާމަށް ގެނެސްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ޑރ. މުއިއްޒު ކުރިމަތިލައްވާނެ ކަމަށާ އެކަން ރަސްމީކޮށް އިއުލާނު ކުރައްވާ ކަމަށެވެ. އަދި މުއިއްޒު ނިކުންނަވާނީ "މާލެ މުއިއްޒު" ކުރުން މި ޝިއާރުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

"މިހާރު މާލެއަށް އެބަޖެހޭ ވަރަށް ބޮޑު ބަދަލެއް އަންނަން. ވަރަށް ބޮޑު ބަދަލެއް އަންނަން އެބަޖެހޭ. މި ބަދަލު ގެނެވެން އޮތީ މި މާލެ 'މުއިއްޒު' ކޮށްގެން. ކޮންމެ ގޮތެއް ހަދައިގެންވެސް މި އަންނަ އިންތިހާބުގައި އެބަޖެހޭ މާލެ 'މުއިއްޒު' ކުރަން. އަޅުގަނޑު މިރޭ އިއުލާނު ކުރަން ޑރ. މުހައްމަދު މުއިއްޒު، އިރާދަކުރެއްވިއްޔާ މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ވާދަ ކުރައްވާނެ. އެމަނިކުފާނު އިރާދަކުރެއްވިއްްޔާ މާލޭގެ މޭޔަރުކަން ކާމިޔާބު ކުރައްވާނެ. މިރޭ އަޅުގަނޑުމެން އެ މަނިކުފާނުގެ ޝިއާރު ނުވަތަ ސްލޯގަން އިއުލާނު ކުރާނަން. އެމަނިކުފާނު ނިކުމެވަޑައިގަންނަވާނީ މާލެ 'މުއިއްޒު' ކުރަން. އެމަނިކުފާނުގެ ޝިއާރަކީ 'މުއިއްޒު' ކުރުން." އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި ދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ނުވަތަ އެ ނޫންވެސް ކަމެއް ދިމާވުމުން އެ އޮތީ "މުއިއްޒު" ވެފައި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ގެންދެވީ މުއިއްޒަށް ފާޑުކިޔަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގައި ހިތްގައިމު ޕާކްތައް ހެދި، ބައެއް މަގުތައް ޒަމާނީ ފެންވަރަށް ހަދާ، މާލޭގައި މުހިންމު ބައެއް މަޝްރޫއުތައް ހިންގާފައިވާއިރު އެކަންކަން ކުރުމުގައި އިސްކޮށް ހުންނެވި މޭސްތިރިއަކީ ޑރ. މުއިއްޒެވެ. އަދި މާލެއާއި ހުޅުމާލެ ގުޅައިދިން ތާރީހީ ބްރިޖާއި، ހުޅުލެ އާއި ހުޅުމާލެ ގުޅައިދިން ހައިވޭ ހެދިގެން ދިޔައީވެސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރެވެ.

މާލޭގެ މިހާރުގެ މޭޔަރަކީ ޝިފާ މުހައްމަދެވެ. ކައުންސިލް މެންބަރުންގެ މެދުގައި މި ދައުރުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައިވާއިރު، އަންނަ އިންތިހާބުގައިވެސް ޝިފާ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވެއެވެ.