ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ކެންޕެއިން ވެބްސައިޓް އިފްތިތާހުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޕެއިން ވެބްސައިޓް އިފްތިތާހު ކޮށްފި އެވެ.

މުއިއްޒުގެ ކެންޕެއިން ވެބްސައިޓް އިފްތިތާހުކޮށް ދެއްވީ ސަރުކާރަށް ދިގު މުއްދަތެެއްގައި ހިދުމަތް ކުރެއްވި ބޮޑުފެންވަޅުގޭ މުސްތަފާ ހުސައިން ނެވެ. ރައީސް ވަހީދާއި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން މި ރަސްމިއްޔާތުގައި މުއިއްޒުގެ ހިދުމަތްތަކާއި އަދި މުއިއްޒުގެ ހޮވަން ޖެހޭ ސަބަބުތަކާއި ގުޅޭގޮތުން އެކި ބޭފުޅުން ވާހަކަ ދެއްކެވިއެވެ.

މުއިއްޒުގެ ކެންޕެއިން ވެބްސައިޓަކީ https://muizzuformayor.com އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ދަނީ ކުރިއަށެވެ. އިންތިހާބުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ ސިޓީ ކައުންސިލްތަކަށެވެ. މާލެ ސިޓީގެ މޭޔަރު ކަމަށް ތިން ކެންޑިޑޭޓަކު ވާދަ ކުރެއެވެ.

ސިޔާސީ ވަރަށް ގިނަ ބޭފުޅުންނާއި މާލެ ރައްޔިތުން ދަނީ މުއިއްޒުއަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ. މުއިއްޒު ގެންދަނީ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފިނަމަ މާލެއަށް ގެންނަވާނެ ބަދަލުތަކާއި އެމަނިކުފާނުގެ ތަސައްވުރު ހާމަކުރައްވަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޑރ. ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް ވަނީ އަޅާފަ އެވެ. އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީގޮތުން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ޑރ. މުއިއްޒު އެވެ.

ޑރ. މުއިއްޒުއަށް ތާއީދުކުރައްވާ ކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ވަޒީރު އުމަރު ޒާހިރު އަދި ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ވެސް ވަނީ ހާމަކޮށްފަ އެވެ.