ވިޔަފާރި

ރިސޯޓު ދޫކުރަނީ 12 އަތޮޅަކުން، 18،000 ވަޒީފާ

Dec 16, 2019
2

އަލަށް ރިސޯޓު ހަދަން ރަށް ދޫކުރާނީ 12 އަތޮޅުން ކަމަށާއި، މި ރިސޯޓު ތަކުން 18،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކާއެކު، ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރި އަށް ގެންދާ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ މާދަމާ ރޭ އަލަށް ރިސޯޓު ހަދަން ރަށް ދޫކުރާއިރު، 12 އަތޮޅަކުން 8،000 އެނދު ތައާރަފު ވެގެންދާނެ ކަމަށެވެ.

"މީގެތެރޭގައި އިސްކަން ދީފައިވާނީ ރާއްޖޭގެ އުތުރާއި ދެކުނަށް. ރައީސްގެ މެނިފެސްޓޯ އެމްޑީޕީގެ މެނިފެސްޓޯ އަށް. މިހާރު ވާނީ އެމްވަޔަރުމަންޓް އެސެސްމަންޓާއި ސޯޝިއޯ އެސެސްމަންޓް ވެސް ހަދާފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އާ ރިސޯޓުތައް ހުޅުވާއިރު، ރިސޯޓަށް ބޭނުންވާ މުވައްޒަފުން އެ ރަށުގެ ކައިރީގައި ތަމްރީން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

"ޓްރެއިނިން ހަދަން މާލެ އަންނަން ނުޖެހި ރަށް ކައިރީ، މީހުން ތަމްރީން ކުރެވޭނެ. އެކަން ކުރާނީ ސަރުކާރާއި އެ ވިޔަފާރިވެރިޔާ ގުޅިގެން. އެ ރިސޯޓު ހިމެނޭ ރަށުގެ ކައިރީގައި،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖެ އަންނަ ޓޫރިސްޓުން ބޭނުންވަނީ އެކްސްޕީރިއަންސް ކަމަށާއި، އެހެންކަމުން ކޮންމެ ރަށެއް ބްރޭންޑް ކުރުން މުހިންމު ކަމަށެވެ. އަދި މިހާރަކަށް އައިސް ވޯޓާ ވިލާތައް ކައިރީ ލަނޑާ ނަގާ މީހުން ގިނަވަމުންދާ ކަމަށާއި، އެހެންކަމުން މިއީ ކައުންސިލްތަކާއި ސަލާމަތީ ބާރު ތަކުން ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.

"ކައުންސިލް ތަކަށް މި ލިބެނީ ބޮޑު ބާރެއް. އަޅުގަނޑުގެ އެދުމަކީ ކައުންސިލްތަކާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން. ރަށްތަކުގެ މިލްކުވެރިންނަކީ ރައްޔިތުން. އަޅުގަނޑުމެން ރަށްތައް މިތިބީ ލީސް ކޮށްގެން. މި ރަށްތައް ނަގައިގެން ތިބި މީހުން ވެސް ބޭނުންވޭ އެ ރަށްތަކާ ގާތް ގުޅުމެއް އުފައްދަން. ރަށްރަށާ ރިސޯޓުތަކާ ބައްދަލުކުރީމަ އައި ހިޔާލަކީ ސިޓީ އަކުން ގުޅުމެއް ނޫފެދޭނެއޭ. އެހެންވީމަ ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭ ނަން،" އަލީ ވިދާޅުވި އެވެ.