ދުނިޔެ

ގިނަ އަދަދެއްގެ އެމެރިކާ ސިފައިން އަފްޣާނުން ބާލައިފި

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއިން އަފްއާނިސްތާނަށް ފޮނުވާފައިވާ ސިފައިންގެ ތެރެއިން 4000 ސިފައިން އަނބުރާ ގައުމަށް ގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފި އެވެ.

އަފްޣާނިސްތާނުން ސިފައިން ބޭލުމަށް ޓްރަމްޕް ނިންމެވީ ވަރަށް ކުއްލި ގޮތަކަށެވެ. ނަމަވެސް ޓްރަމްޕް ވަނީ މީގެ ކުރިން ވެސް މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަހުން ވަނީ އެމެރިކާ ސަރުކާރުން ސިއްރު ކޮށްގެން ގެންގުޅުނު ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓުގައިވާގޮތުން އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ތިބުމަކީ ބޮޑު ގޯހެކެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަދަދު 14،000 އަށް އަރަ އެވެ.

އެމެރިކާގެ 4،000 ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ޓްރަމްޕް ނިންމަވާފައި މިވަނީ އެމެރިކާއިން ތާލިބާނުންނާ ދައްކަމުން ގެންދިޔަ ސުލްޙައިގެ ވާހަކަތައް މިދިޔަ ހަފްތާގައި ގަތަރުގެ ދައުހާގައި އަލުން ފަށާފައި ވެސް ވަނިކޮށެވެ. މީގެ ފަސް މަސްކުރިން މިވާހަކަތައް ހުއްޓާލަން ޓްރަމްޕް ނިންމެވީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް ޓަކައި އެމެރިކާ ސިފައިންގެ އެންމެން އަފްޣާން ބިމުން ބޭލުމަށް ތާލިބާނުން ޝަރުތު ކުރުމުންކަމަށް ރިޕޯޓްތައް ބުނެ އެވެ.