ހަބަރު

އަންނަ މަހުން ފެށިގެން ބަސް ކާޑަށް ރީލޯޑް ކުރެވޭ ތަންތަން ބަދަލުވަނީ

ހުޅުމާލެ އާއި މާލެ އާއި ދެމެދު ބަހުގައި ދަތުރު ކުރުމަށް ބޭނުންކުރާ "ޓަޗް ލިންކް" ކާޑު އަންނަ މަހުން ފެށިގެން ފަސޭހައިން ރީލޯޑް ކުރެވޭނެ ކަމަށް ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކް އިން ބުނެފި އެވެ.

ބަސް އޮޕަރޭޓް ކުރަމުން އަންނަ ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކް އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި ހުންނަ އެޖެންޓްތަކުން ކާޑަށް ރީލޯޑް ކުރެވޭނެ ކަމަށެވެ.

އެގޮތުން ހުޅުމާލޭ ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ފަހި ޕްލާޒާ އިންނާއި، މޯލްޑިވްސް ޝޮޕުން އަދި ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލް އިން ބަސް ކާޑަށް ރީލޯޑް ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

މިހާރު ބަސް ކާޑަށް ރީލޯޑު ކުރަމުން އަންނަނީ ހުޅުމާލޭގެ ނިރޮޅު މަގުގެ އެއާޕޯޓް މެއިން ބަސް ސްޓޮޕް ކައިރީގައި ހުންނަ އެމްޕީއެލްގެ ޕޯސްޓަކުންނެވެ. އަންނަ މަހު މި ހިދުމަތް ފެށުމާއެކު އެމްޕީއެލްގެ މި ޕޯސްޓުން ކާޑަށް ރީލޯޑު ކުރުމުގެ ހިދުމަތް މެދުކަނޑާލާނާ އެވެ.

މާލޭގައި ބަސް ދަތުރަށް ފައިސާ މިހާރު ވެސް ދައްކަނީ ދަތުރު ކާޑަކުންނެވެ. ކާޑު ތައާރަފް ކުރިއިރު އެ ކާޑު ރީލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ބަސް ޓާމިނަލް އިންނެވެ. ކާޑުން ފައިސާ ހުސްވުމުން ބަސް ޓާމިނަލްގައި ހުންނަށް ކައުންޓަރުން ރީލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ބަސް ދަތުރު ކާޑެއް ހައްދައިދޭ އަގަކީ 20 ރ. އެވެ.