އިމްރާން އަބްދުﷲ

ހަރުކަށި ފިކުރުގެ ވާހަކައަކީ ދީނާ ދެކޮޅަށް ދައްކާ ވާހަކައެއް ނޫން: އިމްރާން

ހަރުކަށި ފިކުރާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށާ އަދި އެއީ ދީނުގެ ދިފާއުގައި ވާހަކަ ދައްކާ މީހުންނާ ދެކޮޅު ވާހަކަތަކެއްވެސް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ވިޔަވަތި ރާއްޖެ" ކޮންފަރެސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން ހަރުކަށި ފިކުރުތަކާއި ދެކޮޅަށް ނިކުމެ މަސައްކަތް ފެށީ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން ކަމަށެވެ. ހަރުކަށި ފިކުރުގެ ވާހަކަ މިހާ ފުޅާކޮށް ދައްކަން ފެށުމުން އެއީ އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ކަމަށް ބަޔަކަށް ހީވިޔަސް އެއީ އިސްލާމްދީނާ ދެކޮޅަށް އަދި ދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ދައްކާ ވާހަކަތަކަކީ އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫން. އަދި އިސްލާމްދީނުގެ ދިފާއުގައި ވާހަކަދައްކަވާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަތަކެއްވެސް ނޫން. އަދި ކިޔެއް، އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ހައްގަކާ ނުލައި މީހުން މަރާލުމުގެ މަސައްކަތް ނުވަތަ މީހުން މަރާލާ ފަދަ ކަންކަން ކުރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަ. ހައްގަކާ ނުލައި ޖެހިގެން ހުރިގޭ މުދާކޮޅު ފޭރި ވަގަށްނަގާތީ އެކަމާ ދެކޮޅަށް ދައްކާ ވާހަކަ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ކަމަށެވެ. އެކަން ރާއްޖޭގައި ބޮޑުވަމުންދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށާ އެހެން ކަމުން އެކަންކަމަށް ފުރުސަތު ދީގެން ދައުލަތް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް ރައްޔިތަކަށް ދީނުގެ ނަމުގައި އަނެކަކު ތެދުވެ އޭނާއަށް ގެއްލުމެއްދޭތަން ބަލައިގެން ދައުލަތަކަށް ނޯވެވޭނެ. އަނެކާގެ މުދާ ފޭރިގަންނަތަން ބަލައިގެން ނޯވެވޭނެ. އާދެ، މި ހާދިސާތައް މިވަރަށްދާއިރު އަޅުގަނޑުމެންގެ މުޖްތަމައުއަށް އަރަމުންދާ ލޮޅުންތަކާއި، ލިބެމުންދާ ގެއްލުންތަކަކީ އެކަމުން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމެއް." އިމްރާން ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކުގައި ގުޅިގެން، ދީނުގެ ނަމުގައި ހަރުކަށި އަނިޔާވެރި އަމަލުތައް ހިންގާ ހުރިހާ އެންމެން ހުއްޓުވުމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް."