ހަބަރު

އައިކޮމްއަށް ފޮނުވަންޖެހޭ ރިޕޯޓްތައް ވާނީ ފޮނުވާފައި: ޑީޖޭއޭ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ބަރާބަރަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ހިއްސާ ކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިިނިސްޓްރޭޝަނުން ބުނެފި އެވެ.

ޑީޖޭއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމުގައި އެންމެ ފަހަތުގައި އުޅެނީ ޝަރުއީ ދާއިރާ ކަމަށާއި، ޝަރުއީ ދާއިރާއިން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް ހުށަހަޅައިފައި ވަނީ 2013 ވަނަ އަހަރު އެކަނިކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ހަވާލާދީ ބައެއް މީޑިއާތަކުން ހަބަރެއް ގެނެސްދީފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންގެ އިސްނެންގެވުމުގެމަތީން އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުވުމަށް ގާނޫނުން ލާޒިމްކުރާ ރިޕޯޓް ތައްޔާރުކުރުން ފަސޭހަކޮށްދިނުމުގެ ގޮތުން "އިންފޮމޭޝަން ކޮމިޝަނަރަށް އަހަރީ ރިޕޯޓް ހުށައަޅާ ފޯމު" ގެ ނަމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޯމެއް ތައާރަފްކޮށް، އެ ފޯމު ފުރި ހަމަކުރުމަށް ފަހު "ޖެމްސް" މެދުވެރިކޮށް ނުވަތަ "އީ-މެއިލް" މެދުވެރިކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވުމުން އަހަރީ ރިޕޯޓު ފޮނުވުނީ ކަމަށް ބަލާނެ ކަމަށް އެ އޮފީހުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ އިދާރީ ކަންކަމާއި ތަފާސްހިސާބުގެ މަޢުލޫމާތު ބަލަހައްޓަމުން އަންނަނީ ޑީޖޭއޭގެ ބެލުމުގެދަށުން ކަމުގައިވާތީ، ޝަރުއީ ދާއިރާއިން ކަނޑައަޅާނީ އެއް އިންފޮމޭޝަން އޮފިސަރާއި، އެއް މުރާޖައާ ކޮމިޓީ ކަމަށާއި، އިންފޮމޭޝަން އޮފިސަރާއި މުރާޖަޢާ ކޮމިޓީގައި ތިބޭނެ މުވައްޒަފުން ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުންގެ ތެރެއިން ކަމަށް ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމުމާއެކު، ޝަރުއީ ދާއިރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި މުވައްޒަފަކު ހަމަޖައްސައި އަދި އެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ މުރާޖައާ ކޮމިޓީ ވަނީ އެކުލަވައިލަވާލާފައި ކަމަށާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސަރކިއުލަރގައި ބަޔާންކޮށްފައި ވާގޮތަށް، ޝަރުއީ ދާއިރާއިން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް އީ -މެއިލް މެދުވެރިކޮށް ނުވަތަ ޖެމްސް މެދުވެރިކޮށް އެ ޑިޕާޓްމަންޓުން ގެންދަނީ ހުށަހަޅަމުންކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެގޮތުން، 2016 ވަނަ އަހަރުގެ "އިންފޮމޭޝަން ކޮމިޝަނަރަށް އަހަރީ ރިޕޯޓު ހުށަހަޅާ ފޯމު" 31 ޖަނަވަރީ 2017 ގައި ޖެމްސް މެދުވެރިކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފައިވާއިރު، 2017 ވަނަ އަހަރުގެ ފޯމު 17 ޖަނަވަރީ 2018 ގައި ހުށަހަޅައި، އަދި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާ ފޯމު 09 ޖަނަވަރީ 2019 ގައި ވަނީ ހުށަހެޅިފައި ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.