ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ނަޝީދުގެ ވާހަކަތަކަށް ޝަހީމް ރައްދު ދެއްވައިފި

ސައުދީ އަރަބިއްޔާއާއި އެހެން ބައެއް ގައުމުތަކުގައި ހަރުކަށި ފިކުރު ފަތުރާ ޔުނިވާސިޓީތައް ހުންނަ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.

"ވިޔަވަތި ރާއްޖެ" ކޮންފަރެސްގައި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ސެޝަންގައި ރައީސް ނަޝީދު މިއަދު ވަނީ 11 ސުވާލެއް ކުރައްވާފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި އެހެން ބައެއް ގައުމުތަކުގައި ހަރުކަށި ފިކުރު ފަތުރާ ޔުނިވާސިޓީތައް ހުންނަ ކަމަށް ވިދާޅުވެ އެ ޔުނިވާސިޓީތަކަށް ދިވެހިން ގޮސް ކިޔަވާއިރު އެ ތަންތަނުގެ މަންހަޖު ދިރާސާ ކުރައްވަންތޯ މުއައްސަސާތަކުގެ އިސްވެރިންނާ ނަޝީދު ވަނީ ސުވާލު ކުރައްވާފައެވެ.

ނަޝީދުގެ ނަން ވިދާޅުވެ، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ ހައްދު ފަހަނައަޅާފައިވާ ވިސްނުން ފަތުރާ ގައުމެއް ނޫން ކަމަށެވެ. އަދި ސައުދީގެ ޔުނިވާސިޓީތަކަކީވެސް އެފަދަ ފިކުރުތައް ފަތުރާ ތަންތަން ނޫން ކަމަށް އޯއައީސީގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ ޝަހީމް ވިދާޅުވިއެވެ.

"ސައުދީން ކިޔެވި ދިވެހި ދަރިވަރުން، ރާއްޖޭގެ ހުރިހާ ސަރުކާރެއްގައިވެސް ވަރަށް މަތީ މަގާމުތައް އަދާކޮށްފައިވޭ. ސައުދީ އަރަބިއްޔާ ބަދުނާމު ނުކުރައްވާ." ނަޝީދަށް އަމާޒުކުރައްވާ ކުރެއްވި ޓްވީޓްގައި ޝަހީމް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި "ވިޔަވަތި ރާއްޖެ" ކޮންފަރެސްގެ ސެޝަންއެއްގައި ރައީސް ނަޝީދު ވަނީ 11 ސުވާލެއް ކުރައްވާފައެވެ.

އޭގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކިތަށް ސެލް ރާއްޖޭގައި ހަރަކާތްތެރިވޭތޯއާއި، ހައްދު ފަހަނައަޅާފައިވާ ކަމަށް ފުލުހުން ބުނާ 1400 މީހުން ރާއްޖޭގައި ތިބިއިރު އެ މީހުން ހައްޔަރު ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

އަަދި އައިސްގެ ދިދައާއި ލޯގޯ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ބޭނުންކުރާ ސިފައިންނާއި ފުލުހުން ތިބިކަން ފާހަގަކޮށް އެ މުއައްސަސާތަކުގައި ހަރުކަށި މީހުން އެބަ ތިބިތޯއާއި ހަރުކަށި ފިކުރު ފަތުރަން ގެންގުޅޭ މަދަރުސާތައް ސަރުކާރުގެ ބެލުމުގެ ދަށައް ގެންނަން މަސައްކަތް ނުކުރޭތޯވެސް ސުވާލު ކުރައްވާފައިވެއެވެ.

އައްވަނަ ސުވާލަކަށް ނަޝީދު ކުރެއްވީ ރާބޯ މީހަކު ހައްޔަރު ކުރުމަށް ކިތަށް ރުފިޔާ ހަރަދުވޭތޯއެވެ. އަދި އޭގެ ފަހުން ސައުދީ އަރަބިއްޔާއާއި އެހެން ބައެއް ގައުމުތަކުގައި ހަރުކަށި ފިކުރު ފަތުރާ ޔުނިވާސިޓީތައް ހުންނަ ކަމަށް ވިދާޅުވެ އެ ޔުނިވާސިޓީތަކަށް ދިވެހިން ގޮސް ކިޔަވާއިރު އެ ތަންތަނުގެ މަންހަޖު ދިރާސާ ކުރައްވާތޯ ވަނީ ސުވާލު ކުރައްވާފައެެވެ.

މީގެ އިތުރުން މިއުޒިކާ، މުނިފޫހިފިލުވުން ކުރިއެރުވުމަށް ރޭވިފައިވާ ކަންކަމަކީ ކޮބައިތޯވެސް ނަޝީދު ސުވާލު ކުރެއްވިއެވެ.