ވެރިކަމާ ދެކޮޅަށް ދުވަހަކު ވެސް ބަޣާވާތެއް ނުކުރައްވާ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ސާބިތު ކޮށްދެއްވައިފިނަމަ އެ މަނިކުފާނަށް އަގު ބޮޑު އިނާމެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުށައަޅުއްވައިފި އެވެ.
ޝަހީމް އިސްވެ ހުންނަވާ ފެއްޓެވި ގުރުއާން ޗެލެންޖްގެ ދައުވަތު ޝަހީމް މިއަދު ވަނީ ކުރީގެ ރައީސް ނަޝީދަށް ދެއްވާފަ އެވެ. ނަމަވެސް ޝަހީމަކީ ބަޣާވަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާ އެކަމަށް ތައުބާވެއްޖެނަމަ އެ ޗެެލެންޖްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ޝަހީމް ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ. އަދި އެކަން ސާބިތު ކޮށްދެއްވައިފިނަމަ ރައީސް ނަޝީދަށް ފައިސާގެ އިނާމާ، އުމްރާ ދަތުރެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ހަތެއް ފެބްރުއަރީ އާއި އެ ވެރިކަން ބަދަލުވެގެން ދިއުމަށް މެދުވެރިވި 22 ރޭގެ މުޒާހަރާ ގުޅިގެން ރައީސް ނަޝީދާ އަޅުގަނޑު ޗެލެންޖް ކުރަން." ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ހަތެއް ފެބްރުއަރީއާ އެ ވެރިކަން ބަދަލުވެގެން ދިއުމަށް މެދުވެރިވި 22 ރޭގެ މުޒާހަރާގައި އޭނާގެ ވީޑިއޯއެއް ވެސް އަދި އޯޑިއޯއެއް، ފޮޓޯއެއް ދެއްކި ނަމަވެސް ރައީސް ނަޝީދަށް 150 ހާސް ރުފިޔާއާ އުމްރާ ދަތުރެއްގެ ދެކޮޅު ޓިކެޓާ ހުރުމާއި، ކެއުން ދެއްވާނެ ކަމަށެވެ.
"އެ ދަތުރުގައި އެއްޗެހި އުފުލަން ހުންނާނަން." ރައީސް ނަޝީދަށް ޗެލެންޖް ކުރައްވާ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އޭނާއަކީ ބަޣާވާތެއް ކުރި މީހެއް ނޫން ކަމަށެވެ. އަދި ބަޣާވާތެއްގައި އޭނާގެ ބައްޕަ ވެސް ބައިވެރިވެފައި ނޯންނާނެ ކަމަށާ ރާއްޖެއަށް ފިސްތޯލައެއް ވެސް އެތެރެ ކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑަކީ ބަޣާވާތެއް ކުރި މީހެއް ނޫން. އަޅުގަނޑުގެ ބައްޕަ ވެސް ބަޣާވާތެއް ނުކުރޭ. ފިސްތޯލައެއް ވެސް އެތެރެއެއް ނުކުރޭ. އަޅުގަނޑުގެ ކާފަވެސް ބަޣާވާތެއް ނުކުރޭ. ފިސްތޯލައެއް ވެސް އެތެރެއެއް ނުކުރޭ. އަޅުގަނޑަކީ އަލީ ސައީދުގެ ދަރި މުހައްމަދު ޝަހީމް އަލީ ސައީދު." ރައީސް ނަޝީދުގެ އާއިލާއަށް ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވާ ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޝަހީމް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވެސް އެ ތުހުމަތު ކުރައްވާފައިވާތީ އެ ކަމަށް ރައްދު ދެއްވާފައެވެ.
ޝިފާޒް ވަނީ ޝަހީމަކީ ބަޣާވާތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށާ އެހެން ކަމުން އެހެން ކަންކަމަށް ޗެލެންޖް ކުރުމުގެ ކުރިން ތައުބާވުމަށް ގޮވާލާފަ އެވެ.
ޝަހީމް ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ނާއިބް ރައީސް އަލީ ޒާހިރުގެ ކިބައިން އެ ދުވަހު ޝަހީމް ހުންނެވީ ކޮންތާކުތޯ ސާފު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
"... ބްރަދާ ޝިފާޒް، މަނިކުފާނާއެކު ރައީސް އޮފީހުގައި އުޅޭނެ އަލީ ޒާހިރު ކިޔާ ބޭފުޅެއް. ހަތެއް ފެބްރުއަރީގައި ވެރިކަން ވެއްޓުނުއިރު އަޅުގަނޑު އިންތަނަކާއި ކުރަން ހުރި ކަންކަން އޭނާއަށް އެނގޭނެ. ޕްލީސް އާސްކް ހިމް." ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު އިސްތިއުފާދެއްވުމުން އެމްޑީޕީގެ ސަރުކާރު ވެއްޓުނުއިރު ޝަހީމް ހުުންނެވީ ޕީއެޗްޑީއަށް ކިޔަވަން މެލޭޝިއާގަ އެވެ. ޝަހީމް މާލެ ވަޑައިގެންނެވީ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ. އެ ފަހަރު އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން އެދިގެން ފެބްރުއަރީ 19، 2012 ގައެވެ.
ޝަހީމް މެލޭޝިޔާގައި ކިޔަވަން ހުންނެވީ އަލީ ޒާހިރުމެންގެ ގޭގަ އެވެ.