ހަބަރު

ގެއަކަށް ވަދެ ބިރު ދައްކައިގެން ގުޅުން ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ލ. ގަމުގައި ހުންނަ ގެއެއްގެ ތެރެއަށް ވަދެ އެ ގޭގައި އުޅޭ އަންހެނުންނަށް ބިރު ދައްކައި ގަދަ ކަމުން ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެފަދަ މައްސަލައެއްގެ ރިޕޯޓް ފުލުހަށް ހުށަހެޅީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ. އެއީ ލ. ގަމު ތުނޑީ ސަރަހައްދުގައި ހުންނަ ގެއަކަށް ވަދެ އެ ތަނުގައި އުޅޭ ދެ އަންހެނަކަށް ބިރު ދައްކައި ގަދަ ކަމުން ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން އެ ގެއަށް ވަދެ ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.