ޖިންސީ ގޯނާ

އަމިއްލަ ދެ ދަރިންނާ ބެހުނު ބައްޕަ ހައްޔަރުކޮށްފި

އަމިއްލަ ދެ އަންހެން ދަރިންނާއި އިތުރު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް މައްސަލަ ހުށަހެޅުމާ އެކު ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ޔަގީންކޮށްދިން ނަމަވެސް މި މީހާގެ ވަނަވަރު ހާމައެއް ނުކުރެ އެެވެ.

މިމައްސަލައަކީ ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކަށް ވާތީ މިމައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ކުޑަ ފިރިހެން ކުއްޖަކު، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން އިއްޔެވެސް ހާމަކޮށްފައިވެ އެވެ.

މީގެއިތުރުން ރާއްޖޭގެ ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އުމުރުން 57 އަހަރުގެ ފިރިހެނަކުވެސް މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.