ހަބަރު

ކޮލަމާފުށީ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ

Dec 17, 2019
4

ގއ. ކޮލަމާފުށީ ގެ އެއްގެ ތެރޭގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.

ކޮލަމާފުށި ޕޮލިސްޓޭޝަނުގެ ފުލުހަކު މައުލޫމާތު ދިން ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ މަރިޔަމް ޝަރީފާ އެވެ.

އޭނާ ވިދާޅުވީ މަރުވި އަންހެން މީހާ އަކީ ގޭގައި އެކަނި އުޅޭ އަންހެނެއް ކަމަށާއި މަރުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަަމަށެވެ. އަދި މަރުވިކަން އެނގުނީ އެމީހާގެ ހަބަރެއް ނުވެގެން އަވަށްޓެރިން ގޮސް ބެލި ބެލުމުން ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.

ފުލުހުން ބުނީ އަންހެންމީހާގެ މަރުގައި އެއްވެސް ޝައްކު އުފެދޭ ކަމެއް ނެތް ކަމަށާއި އެމީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށެވެ.

އެ ރަށުން އަވަސް އާ ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ އަކީ އެ ރަށު ސްކޫލްގައި މަސައްކަތު މީހެއްގެ ގޮތުގައި ވަޒީފާ އަދާ ކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ މީހެއް ކަމަށާއި އިއްޔެ އޭނާ ޑިއުޓީއަށް ނުނިކުންނަ ކަމަށެވެ. އަދި އެމީހާ ހަވީރު ވީއިރުވެސް ގެއިންވެސް އަދި އެއްވެސް ތާކުން ނުފެނި ފޯނަށް ގުޅުމުން ޖަވާބު ނުދޭތީ އަވަށްޓެރިންނާއި އާއިލާގެ ބަޔަކު ގޮސް ބެލި ބެލުމުން އޭނާ ނިދާ އެނދުމަތީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

"މަރިޔަފާންތަ ދަރިން އުޅޭނެ ރަށުގަވެސް. އެކަމަކު ދަރިން މީހުނާ އިނދެގެން ވަކިން އުޅެނީ. އާއިލާ މީހުންވެސް އޭނަ އެކަނި އުޅޭތީ އެ ގެތަކަށް އައިސް ދިރިއުޅެން ބުނޭ. އެކަމަކު ތިމަންނަ އަމިއްލަ ވަޒަނުގައޭ އުޅޭނީ ބުނަނީ. އެބުނާހެން ކޮންމެ މީހަކަށްވެސް ފަސޭހަ ވާނީ އެމީހެއްގެ އަމިއްލަ ގެ އެއްނު. ކޮންމެ ދުވަހަކު ހަވީރު ޑިއުޓީ ނިންމާފަ އަންނާނެ އަހަރުމެންނާއެކީ ޖޯލިފަތީގަ ވާހަކަ ދައްކަން. އެކަމަކު އިއްޔެ ނާދޭ. ފޯނަށް ގުޅީމަ ޖަވާބެއްވެސް ނުދޭ. ދެން މި ދިޔައީ އެ ގެއަށް. ދިޔައިރު ގެ ތަޅުލާފަ ހުރީމަ ފެންލައިޓުން އަރާފަ ބެލި އިރު އެނދުމަތީގަ ރަޖާ އޮޅައިގެން ހަމަ ނިދާފަ އޮންނަ ހެން އޮތީ. ދެން ފެންލައިޓުން އެތެރެއަށް ވަދެ ދޮރު ހުޅުވައިގެން އެންމެން ގޮސް ވަދެ ބެލި އިރު އޮތީ މަރުވެ ހަރުވެފަ." ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެމީހާގެ މަރު ސާބިތު ކޮށް ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިހާރު އާއިލާ އާއި ވަނީ ހަވާލުކޮށްފަ އެވެ. މަރިޔަމް ޝަރީފާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.