ހަބަރު

ހޭނެތިގެން ގެންދިޔަ ސްޓާފަކަށް ރިސޯޓުގެ ޑޮކްޓަރު އަޅާނުލި މައްސަލައެއް

ޅ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު ހާލު ދެރަވެގެން ރިސޯޓުގައި ހުރި ހެލްތު ޕޯސްޓަށް ގެންދިޔުމުން އެތަނުގައި ހުރި ޑޮކްޓަރު އަޅާނުލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރިސޯޓު މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް އެމީހުންނަށް ދިމާވާ ކަންކަން އެދާއިރާގެ މުއައްސަސާތަކާ ހިއްސާކުރަމުން އަންނަ ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ މެމްބަރެއް ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޅ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު ހޭނެތިގެން އެތަނުގެ ހެލްތު ޕޯސްޓަށް ގެންދެވުނު ނަމަވެސް ޑޮކްޓަރު އެއްވެސް ހާސްކަމެއް، އަޅާލުމެއް ނެތި ފޯނާ ކުޅެން އިން ކަމަށެވެ. އަދި އެ މުވައްޒަފު ހޭނާރައިގެން އެވަގުތު އޭނާ އާއެކު އެރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކެއް ހަރަކާތްތެރިވި އިރު ޑޮކްޓަރަށް ރޭކާވެސް ނުލާ ކަމަށެވެ.

ޓީމްގެ މެމްބަރު ވިދާޅުވީ އެ ރިސޯޓުގެ މުވައްޒަފުންނަށް ޗުއްޓީއެއް، އޮފް ދުވަހެއް، ސިކް ލީވެއް، އަދި އާއިލީ ޒިންމާއެއްވެސް ނުލިބޭ ކަމަށެވެ. އަދި މި ޑޮކްޓަރާއި ރިސޯޓު މެނޭޖްމަންޓާ މެދު ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށްވެސް އޭނާ ވަނީ ގޮވާލާފަ އެވެ.

ރިސޯޓު މުވައްޒަފުންނާއި މެދު އިހުމާލު ވަމުންދާ ކަމަށްބުނެ އަބަދުމެ އަޑު އުފުލުނު ނަމަވެސް އެއަޑު އަހާނެ އެއްވެސް މީހަކު އެއްވެސް ސަރުކާރެއްގެ މަތީފަންތީގައި ނެތް ކަމަށް ރިސޯޓު މުވައްޒަފުން ދަނީ ބުނަމުންނެވެ. އަދި މި ޑޮކްޓަރަށް ވަގުތުން ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ވަނީ ޓޫރިޒަމް މިނިސްޓަރަށް ގޮވާލައިފަ އެވެ.