ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޕެސެންޖަރު ޓާމިނަލްގެ ފައުންޑޭޝަން ނިމި، ތަނބު ޖަހަން ފަށަން ތައްޔުވާން ފަށައިފި އެވެ.
ވީއައިއޭ ބަލަހައްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާ ޓާމިނަލްގެ ފައުންޑޭޝަން ނިމި، ޕައިލް ކެޕްގެ 15 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
އާ ޓާމިނަލް ހަދަނީ، މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނު ފަރާތުގައި ތަރައްގީ ކުރާ އާ ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. މި މަސައްކަތް ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕްއަށް ހަވާލުކޮށްފައިވަނީ 21 މެއި، 2016 ގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރު ތެރޭ ނިންމުމަށެވެ. ނަމަވެސް މަސައްކަތް ލަސްވެފައި ވަނިކޮށް ސަރުކާރު ބަދަލުވުމާއެކު މަޝްރޫ އަށް އިތުރަށް ވަނީ ލަސްކަމެއް އައިސްފަ އެވެ. ނަމަވެސް 27 ޖޫން 2019، ގައި މި ސަރުކާރުން ޓާމިނަލްގެ މަސައްކަތް އަލުން ވަނީ ސައޫދީ ބިންލާދިން ކުންފުންޏަށް ހަވާލުކޮށްފަ އެވެ.
މި ސަރުކާރުން ބުނެފައިވަނީ ޓާމިނަލްގެ މަސައްކަތް 2022 ވަނަ އަހަރުގެ މެއި މަހު ނިންމާލެވޭނެ ކަމަށެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކޮށްފައިވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އަދި މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.
ޕެސެންޖަރު ޓާމިނަލްގެ މަސައްކަތުގެ އިތުރުން އާ ރަންވޭއެއްވެސް އެއާޕޯޓުގައި ހަދާފައިވެ އެވެ. މީގެ އިތުރުން ފިއުލް ފާމުގެ މަސައްކަތް ވެސް ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރިއަށް ދަނީ އާ ކާގޯޓާމިނަލްގެ މަސައްކަތެވެ. މި މަސައްކަތްތައް ކުރަނީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.