ކުވެއިތުގައި އާ ސަރުކާރެއް އިއުލާންކޮށް މަގާމުތަކަށް މިނިސްޓަރުން ނެގުމުގެ މަސައްކަތް ފަށައިފިކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ. އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކުވެއިތުގެ ޝާހީ އާއިލާއާ އެގައުމުގެ މަޖިލިސް މެމްބަރުންނާ ދެމެދު އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިން ބޮޑުވަޒީރު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ހުސްވެފައިވާ ބޮޑު ވަޒީރު ކަމުގެ މަގާމަށް މިހާރު ވަނީ ކުރީގެ ފޮރިން މިނިސްޓަރު ޝެއިހް ސަބާހު އަލް ހާލިދް އަލް ސަބާހު އައްޔަންކޮށްފަ އެވެ. ސަބާހު ވަނީ އިންތިގާލީ ގޮތުން ބޮޑު ވަޒީރުގެ މަގާމަށް މީގެ ނުވަ ދުވަސް ކުރިން އައްޔަންކޮށްފަ އެވެ.
ނޮވެމްބަރު މަހު ކުވެއިތުގައި އުފެދުނު ސިޔާސީ ކޯޅުންގަނޑުގެ ތެރެއިން އެގައުމުގެ މަޖިލީހުން ވަނީ ގިނަ މިނިސްޓަރުންތަކެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް މަގާމުތަކުން ދުރުކޮށްފަ އެވެ. އެގޮތުން އެގައުމުގެ އިންޓީރިއާ މިނިސްޓަރާއި ޑިފެންސް މިނިސްޓަރު، ކޮރަޕްޝަން މެދުވެރިކޮށް ފައިސާ ހޯދާއި އެ ފައިސާއިން މަންފާ ހޯދިކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލަ ވައްދައި ވަނީ އެ ދެ މިނިސްޓަރުން މަގާމުން ވަނީ ވަކިކޮށްފަ އެވެ.
ކުވެއިތުގައި އޮންނަނީ ރަސްކަމެއް ނަމަވެސް، އެ ގައުމުގައި ގާނޫނުގައި އޮންނަ ގޮތުން މަޖިލީހުން މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރެވެއެވެ.