މޯލްޑިވްސް މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސިލްވާ ޕާޓްނަރަކަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ދުވަސްވީ އެވޯޑު ކަމަށްވާ، މޯލްޑިވްސް ޓްރެވަލް އެވޯޑު އިންތިޒާމު ކުރަނީ ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންނެވެ.
އެގޮތުން ޓްރެވެލް އެވޯޑުގެ ސިލްވާ ޕާޓްނަރެއްގެ އެއްބަސްވުމުގައި ހޯކްސްއިން މިއަދު ވަނީ ސޮއިކޮށްފަ އެވެ. ހޯކްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ޑައިރެކްޓާސް އޮފް ސޭލް އެންޑް ކޮމިއުނިކޭޝަން ހުސެއިން އަމާން އެވެ. އަދި މަޓާޓޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޖަމިއްޔާގެ ރައީސް އަބްދުއްﷲ ސުއޫދު އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ހޯކްސް އެވޯޑުގެ ސިލްވާ ޕާޓްނަރަކަށްވުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި ހޯކުސް ކުންފުނީގެ އެއްބާރުލުމާއެކު ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑަސްއަކީ 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރިކަން ބޮޑު އެވޯޑެކެވެ. ޓްރެވަލް އެވޯޑްސް އިން ދަނީ 2017 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް ގެސްޓްހައުސްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރަން ހާއްސަ އެވޯޑެއް ދެމުންނެވެ. "ގެސްޓްހައުސް އެޑިޝަން" ގެ ނަމުގައި ބާއްވާ މި އެވޯޑަށް ކުރިމަތިލާ ތަންތަނަށް މާކްސް ދެނީ ހިދުމަތް ހޯދާ މީހުންގެ 60 ޕަސެންޓް މާކްސް އާއި 40 ޕަސެންޓް މާކްސް ނަގަނި މަޝްހޫރު ބުކިން ސައިޓް ޓްރެވަލްއެޑްވައިޒާގެ ރޭޓީން އަށެވެ.
ޓްރެވެލް އެވޯޑްސް ގާލާ 2019 މި މަހުގެ 19 ވަނަ ދުވަހު މެރީނާ ކްރޮސްރޯޑުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.