ހަބަރު

އަލީ ވަހީދު ޓޫރިޒަމް ދާއިރާ ހިންގަނީ ހަޒާނާގެ ތަޅުދަނޑި އޮތްތާ ބާއްވައިގެން: ޝާހިދު

Dec 17, 2019
11

ޓޫރިޒަމް މިނިސްޓަރުގެ މަގާމްއާ އަލީ ވަހީދު ހަވާލުވި ފަހުން އެ ދާއިރާ ހިންގަވަމުން އަންނަނީ ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި އެ އޮންނަތާ ބާއްވައިގެން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އަލީ ވަހީދަށް ތައުރީފް ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބޭއްވި "ބުރަވި" ހަފްލާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަކީ ސާފު ޖައްވެއް އޮންނަ، ދުނިޔެއިން އެންމެ ރީތި މުރަކައިގެ ބަގީޗާއެއް ލިބިފައިވާ އަދި ރޭގަނޑު ރީތި ހަނދުވަރު ދޭ ގައުމެއް ކަމަށާއި އެހެން ނަމަވެސް މިދިޔަ އަހަރު ނޮވެމްބަރު 17 އާ ހަމަޔަށް އެ ޖައްވު ކިލަނބުވެ މުޑުދާރުވެފައިވާ ކަމަށެވެ. އަދި ބައެއް ކަންކަމުގެ ތެރެއިން ނޫނީ ހިދުމަތް ނުލިބޭ ދަރަޖާގައި ފަތުރުވެރިކަން އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި މިނިސްޓަރު އަލީ ވަހީދުގެ މަސައްކަތުން ދާއިރާއަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން އަލީ ވަހީދު މަސައްކަތް ކުރައްވަނީ ހަޒާނާގެ ތަޅުދަނޑި އޮތްތަނުގައި ބާއްވައިގެން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަލީ ވަހީދުގެ މިންނަތް މަސައްކަތުން މި ސަރުކާރުގެ އެއް އަހަރު ފާއިތުވެގެން މިދަނީ، އިރާދަކުރެއްވިއްޔާ ހަޒާނާގެ ތަޅުދަނޑި އޮންނަން ޖެހޭ ތަނުގައި ބާއްވައިގެން، އެ ހަޒާނާގެ ތަޅުދަނޑިއަށް އަމާނަތްތެރިވާ ވަޒީރެއްކަން ސާބިތުކޮށްދެއްވަމުން. އެކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކާގައި ފަތުރުވެރިކަން ސިފަ ކުރެއްވީ ރާއްޖޭގެ އިގްތިސާދުގެ "ރަން ބިސް އަޅާ ކުކުޅެއް" ގޮތުގަ އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ކުކުޅު އަޅާ ބިސް މަދުވުމުން ބަނޑު ފަޅާލައި، މޭބިސް ކުރަނޑި ދަމައިގަންނާކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިވެހިންގެ ބުރަ މަސައްކަތުން މި ސަރުކާރުން ދާއިރާ ކުރި އަރަން ފުރުސަތު ދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ސުލްހަ މަސްލަސްކަން ގާއިމް ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ވިޔަފާރި ކުރާ ފަރާތްތަކަށް އިތުބާރު ކުރެވޭ މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ފަނޑިޔާރުގެ މަރާމާތުކޮށް ސާފު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަނޑައަޅާފައިވާ ލަޅުދަނޑިތައް ހާސިލް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.