ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކޮށް ތިން އިލްމުވެރިއަކު ސަސްޕެންޑް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ތިން އިލްމުވެރިއަކަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކޮށް ދަރުސް އަދި ފަތުވާ ދިނުން ވަނީ މަނާކޮށްފައެވެ. އެ އިލްމުވެރިންގެ މައުލޫމާތު ހާމަކުރުމަށް ވަރަށް އަވަހަށް އިސްލާމިކް މިނިސްޓްރީން ހާމަކުރާނެ ކަމަށް އެނގިފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ އެ މައުލޫމާތު އެ މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކޮށް ތިން އިލްމުވެރިއަކު ސަސްޕެންޑް ކޮށްފައިމިވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ. 200 ކައުންސިލަރުންނާއެެކު ބޭއްވި މަޝްވަރާ ބައްދަލްވުމުގެ ސެޝަނެއްގައި ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރު ހާމަކޮށްފައެވެ.
އަދި މީހުން މެރުމަށް ޖެހިލުންނުވާ މިންވަރަށް ހަރުކަށި ފިކުރަށް ތަބާވާ 1400 މީހުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަރުކަށި ފިކުރު ފެތުރުމުގައި ބައެއް އިލްމުވެރިން ބައިވެރިވާ ކަމަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ހަރުކަށި ފިކުރު ފަތުރާ އިލްމުވެރިން ގެންދަނީ ދިވެހިން ރެކްރޫޓްކޮށް ބޭރުގެ ހަނގުރާމަތަކަށް ފޮނުވަމުން ކަމަށާ އެފަދަ މީހުން ރާއްޖޭގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.
އަދި ރާއްޖޭގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ހިންގާ ސުކޫލްތައް އެބަހުރި ކަމަށްވެސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ހަރުކަށި ފިކުރާ ގުޅުވަނީ ރާއްޖެ އެހެން ގޮތަކަށް އަނބުރާލުމަށް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.