އިސްލާމިކް މިނިސްޓްރީ

ސަސްޕެންޑްކުރި އިލްމުވެރިންގެ މައުލޫމާތު ހާމަކޮށްފި

ސަސްޕެންޑްކުރި އިލްމުވެރިންގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ދެންމެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުއާއި އަދި އެ ގާނޫނޫގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ތިން މީހަކަށް ދީނީ ތަގުރީރު ކުރުމާއި، ވައުޒު ބުނުމަށް އެ މިނިސްޓްރީން ދީފައިވާ ހުއްދަ ހިފަހައްޓާފައިވާ ކަމަށެވެ.

އެއީ ނ. ޅޮހި، މަނަދޫގޭ އަބްދުއްރަހީމް މުހައްމަދު، ސ. މީދޫ ދެކުނުގެ ޖައުފަރު ފާއިޒުގެ އިތުރުން ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަބްދުއްރަހީމް މުހައްމަދު އަދި ޖައުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާ ގޮތަށް ދީނުގެ ނަމުގައި ވާހަކަދެއްކުމާއި އަދި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭނެހެން ވާހަކަދައްކަމުން އަންނާތީ ކަމަށެވެ.

އަދި މުހައްމަދު ހަސަނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ހިލާފް އުފެދިފައިވާ މައްސަަލަތަކާއި ބެހޭގޮތުން މުޖްތަމައުގައި ބައިބައިވުމާއި ފިތުނަ ފަސާދައަށް މަގފަހިވާނެހެން ވާހަކަދެއްކުމާއި، ދީނީ އިލްމުވެރިންނާމެދު ހަގީގަތާއި ހިލާފް ވާހަކަތައް ފެތުރުމާއި، ދަންނަބޭޖަލުންގެ އިޖްމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތްގޮތް ކަމުގައި ހަދައި، އެ ގޮތަށް ބާރުއަޅައި ވާހަކަ ދެއްކުމާއި އަދި މި މޭރުމުން ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރަމުންދާތީ އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމުން ކަމަށެވެ.

މިރޭ ސަސްޕެންޑްކުރި އިލްމުވެރިންގެ ތެރެއިން ޖައުފަރު ފާއިޒްގެ ވަރަށް ގިަނ ދަރުސްތައް ސޯޝަލް މީޑިއާއިން ފެންނާނެ އިންތިޒާމް އޭނާ ވަނީ ހަމަޖައްސާފައެވެ. އަދި އަބްދުއްރަހީމް މުހައްމަދަކީ ދީނީ ތަފާތު މައުޟޫއުތަކަށް ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ ޖަޕާނުގައެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކޮށް ތިން އިލްމުވެރިއަކު ސަސްޕެންޑް ކޮށްފައިމިވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ. 200 ކައުންސިލަރުންނާއެެކު ބޭއްވި މަޝްވަރާ ބައްދަލްވުމުގެ ސެޝަނެއްގައި ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރު ހާމަކޮށްފައެވެ.

އަދި މީހުން މެރުމަށް ޖެހިލުންނުވާ މިންވަރަށް ހަރުކަށި ފިކުރަށް ތަބާވާ 1400 މީހުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަރުކަށި ފިކުރު ފެތުރުމުގައި ބައެއް އިލްމުވެރިން ބައިވެރިވާ ކަމަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ހަރުކަށި ފިކުރު ފަތުރާ އިލްމުވެރިން ގެންދަނީ ދިވެހިން ރެކްރޫޓްކޮށް ބޭރުގެ ހަނގުރާމަތަކަށް ފޮނުވަމުން ކަމަށާ އެފަދަ މީހުން ރާއްޖޭގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އަދި ރާއްޖޭގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ހިންގާ ސުކޫލްތައް އެބަހުރި ކަމަށްވެސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ހަރުކަށި ފިކުރާ ގުޅުވަނީ ރާއްޖެ އެހެން ގޮތަކަށް އަނބުރާލުމަށް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.