ހަބަރު

ބަންދުކޮށްފައިވާ ފަތްތަކެއް އޭދަފުށީ ފަޅުތެރެއިން ހޮވައިފި

ބަންދުކޮށްފައިވާ ފަތްތަކެއް ބ. އޭދަފުށި ފަޅުތެރެއިން އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.

ފުލުހުން ބުނީ ބަންދުކޮށްފައި ހުރި ފަތްތަކެއް އޭދަފުށީ ފަޅުތެރެއިން ފެނިގެން އެކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:00 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން މީގެ އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ބުނީ މިކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އަވަސް އާ ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ބޮޑު އެއްޗެއް ފަޅުތެރެއިން އޮޔާ ދާތީ ރަށު ބަޔަކު ގޮސް އެއެއްޗެއް އެއްގަމަށް ނެގި ކަމަށާއި އެ ކަނޑާ ބެލުމުން އެއީ ބޮނޑި ބޮނޑިއަށް ހުރި ފަތްތަކެއްކަން އެނގުނު ކަމަށެވެ. ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ފަތްތަކެއް ކަމެއް ނޭނގޭ ކަމަށާއި، އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.