އިލެކްޝަންސް ކޮމިޝަން

އިންޑިއާ އެއްބަސްވުމުގެ މަސައްކަތް ފަށާނީ ކައުންސިލް އިންތިހާބަށް ފަހު: އީސީ

ދާދި ފަހުން އިންޑިއާއާއެކު ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސޮއިކޮށްފައިވާ މެމަރަންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އެއްބަސްވުމުގައިވާ މަސައްކަތްތައް ފަށާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކާއި މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ގީލާ އަލީ ވަނީ އެ އެއްބަސްވުމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ގީލާ ވިދާޅުވީ އެއްބަސްވުން އާންމު ކުރި ނަމަވެސް އެ ޕާޓީގެ ކަންބޮޑުވުން އޮތީ އިންތިހާބެއް ބޯމަތިވެފައި ވަނިކޮށް ވެފައިވާ އެފަދަ އެއްބަސްވުންތަކާ ގުޅިގެން ކުރިއަށްދާ ކަންކަމުގައި އިންޑިއާ ފަދަ ބޮޑު ގައުމެއްގެ ނުފޫޒު އިންތިހާބުގެ ތެރެއަށް އައިސްދާނެތީ ކަމަށެވެ.

އެ ކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ނިމި ވޯޓުގެ ނަތީޖާ އިއުލާން ކުރުމާ ހަމައަށް އެ އެއްބަސްވުމާ ގުޅިގެން އޭގެ ދަށުން އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ. އަކްރަމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ކުރަން ހަމަޖެހިފައި އޮތް ކަމަކީ އަންނަ އަހަރުގެ ޖޫން މަހު ފަށަން މަޝްވަރާ ކޮށްފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، އެ ގައުމުގެ އިލެކްޝަންސް ކޮމިޝަންގެ ދަށުން އުފައްދާފައިވާ ތަމްރީން މަރުކަޒު، ޓްރިޕަލް އައިޑީއެމްއާއެކު އީސީގެ މުވައްޒަފުންގެ އިތުރުން ސިޔާސީ ޕާޓީތަކާއި މީޑިއާތަކަށް ވެސް އަމާޒުކޮށް ޑިމޮކްރަސީއާއި އިންތިހާބުތަކަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ. އަކްރަމް މިއަދު ވިދާޅުވީ ކޮމިޝަނުން މިހާތަނަށް ވިސްނާފައި އޮތީ އެ ޕްރޮގްރާމް އަންނަ އަހަރުގެ ޖޫންގައި ފެށުމަށެވެ.

"އެމްއޯޔޫގެ ދަށުން އެންމެ ފުރަތަމަ ކަމެއް ކުރާނީ ވެސް ސިޔާސީ ޕާޓީތަކާ މީޑިއާއާ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ޓްރެއިނިން. އަންނަ އަހަރުގެ ޖޫން މަހު ގެންދަން ވިސްނާފައި އޮތީ. އޭގެ މަޝްވަރާތައް ވެސް ފަށާނީ އިންތިހާބަށް ފަހުގައި. އެހެންކަމުން އެ އެމްއޯޔޫގެ އެއްވެސް ކަމެއް އަދި އަމަލީ މަސައްކަތެއް ވެސް އިންތިހާބު ކުރިން ނުފަށާނެ." އަކްރަމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޕީއެންސީން އެ އެއްބަސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރުމުން އަކްރަމް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގެ ސަބަބުން އިންތިހާބަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. ވިދާޅުވީ އެއްބަސްވުމުގައި އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އީސީން މިހާރު ތައްޔާރު ވަމުންދާ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ. އެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.