ޗައިނާ އެފްޓީއޭ

ޗައިނާ އެފްޓީއޭއަކީ ބާތިލް އެއްޗެއް، މުރާޖައާ ކުރަން ޖެހޭ: އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން މުރާޖައާ ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގައި ހުންނެވި އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއާއެކު ވެފައިވާ އެއްބަސްވުން މަޖިލީހުން ފާސްކޮށްފައި ވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އޭރުގެ ރައީސްގެ އަމުރުފުޅަށް ވަގުތުން "ރަބަރު ސްޓޭމްޕް" ޖަހާ އުސޫލުން ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުން ފާސްކުރަން މަޖިލީހުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކޮށްފައެއް ނުވެ އެވެ. މެންބަރުންނަށް މުޅި އެއްބަސްވުން އެނގިވަޑައިގަނުވަންނާ ކަމަށާއި އެއީ ބާތިލް އެއްބަސްވުމެއް ކަމަށެވެ. އެހެންވެ އޭނާ ގަބޫލު ކުރައްވަނީ އެއްބަސްވުން މުރާޖައާ ކުރަން ސަރުކާރުން މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުން ބައްދަލުވުމެއް ބާއްވައި އެންމެ 10 މިނެޓުގެ ތެރޭގައި އެއްބަސްވުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްލި އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ އެއްބަސްވުމުގައި ސޮއި ކުރި އެވެ.

އެ އެއްބަސްވުން އުވާލަން ޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަމަކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެއްބަސްވުން އުވާލަން ނުނިންމާ ކަމަށާއި ނަމަވެސް އުވާލަނަމަ އެ ކަން ކުރާނީ ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ.

އެ އެއްބަސްވުން މުރާޖައާ ކުރަމުންދާ ކަމަށް ދާދި ފަހަކުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.