ހަބަރު

އަންނަ އަހަރު ހަދަން ޖެހޭނީ ޤުރްއާންގެ އެއް އެސައިންމެންޓް: ޑީޕީއީ

އަންނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ހިމަނާފައިވާއިރު އެ މައްދާއިން ދަރިވަރުންނަށް ދެ އެސައިންމަންޓްގެ ބަދަލުގައި އެއް އެސައިމަންޓް ހަދާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.

ތައުލީމީ އާ މަންހަޖެއް ތައާރަފުކޮށް، އަންނަ އަހަރުން ފެށިގެން އޯލެވެލް އިމްތިހަނުގައި ޤުރްއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި އެ އިމްތިހާނުގެ ތެރޭގައި އެ މާއްދާއަށް ދެ އެސައިމަންޓް ހިމަނަން އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށް، ސްކޫލްތަކަށް ފޮނުވި އެވެ.

ނަމަވެސް ޑީޕީއީއިން މިއަދު ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބަޔާނެއްގައި ބުނީ، މި ފެށޭ އަހަރަކީ އިމްތިހާން ކުރެވޭ ފުރަތަމަ ކަމަށްވުމުން ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ނިންމުން ބަދަލުކޮށް އަންނަ އަހަރު އެއް އެސައިންމަންޓް ހަދަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އެ ކަމުގައި ބެލެވެރިންނާއި މުދައްރިސުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ބުނެފައިވެ އެވެ.

އެ ގޮތުން ޑީޕީއީއިން މިހާރު ސްކޫލްތަކަށް ފޮނުވައި ދަރިވަރުންނަށް ހަވާލުކުރަން އަންގާފައިވާ އެސައިންމަންޓް ދަރިވަރުން ނިންމައި ހަވާލު ކުރާ ގޮތަށް މިހާރު ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހު ހުށަހަޅަން ޖެހޭ ގޮތަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑީޕީއީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފުރަތަމަ އެސެސްމެންޓް ނިންމަން އަންނަ އަހަރު ގްރޭޑް 10 އަކަށް ދާ ދަރިވަރުންނަށް ހަވާލު ކޮށްފައި ވަނީ އަންނަ ފެބްރުއަރީ މަހު ހުށަހަޅަން ޖެހޭ ގޮތަށެވެ. އަދި އޭރު ނިންމާފައި ވަނީ އޭގެ ފަހުން ދެވަނަ އެސެސްމެންޓް ހަވާލު ކުރާ ގޮތަށެވެ.

އޭގެ އިތުރުން އަންނަ އަހަރުގެ ފުރަތަމަ ޓާމުގެ އިމްތިހާނުގައި ހުރިހާ ސްކޫލެއްގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ދިވެއްސާއި އިސްލާމް މާއްދާ އިން ސުވާލު ކަރުދާސް ތައްޔަރު ކުރަން ހަމަޖެހިފައި ވަނީ ޑީޕީއީން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ ގޮތަށް ނިންމީ އާ މަންހަޖު ކިޔަވައިދިނުމުގައި ޓީޗަރުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އޯލެވެލް އިމްތިހާނަށް ޓީޗަރުންނާއި ދަރިވަރުންނަށް ނާމުނާ ކަރުދާހެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ޑީޖީއީން ބުނެފައިވެ އެވެ.

އާ މަންހަޖާއެކު އިސްލާމް އާއި ދިވެހި މާއްދާގެ އިމްތިހާން ކަރުދާހަށް ވެސް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ. އެ ގޮތުން ދިވެހި މާއްދާގައި ދޭހަޔާއި ލިޔުންތެރިކަމުގެ ކަރުދާސް އެކަނި ހިމަނައި މީގެ ކުރިން އޮންނަ އަދަބިއްޔާތާއި ޅެމާއި ރައިވަރު މާނަ ކުރުމުގެ ކަރުދާހުގެ ބަދަލުގައި އެ ބައިތައް ހިމެނޭ އެސައިންމަންޓެއް ދޭން ވަނީ ނިންމައިފަ އެވެ.

އިސްލާމް މައްދާގެ އިމްތިހާނުގައި ފުރަތަމަ ސުވާލު ކަރުދާހުގައި ކުރު ޖަވާބު ދޭ ސުވާލުތަކެއްގެ ބަދަލުގައި ވަނީ އިހްތިޔާރީ ޖަވާބު ދޭން ޖެހޭ ސުވާލުތަކެއް ހިމަނައި ގޮތަށް ނިންމައިފަ އެވެ. އަދި ދެވަނަ ކަރުދާހުގައި އަންނާނީ ދިގު ޖަވާބު ދޭން ޖެހޭ ސުވާލުތަކާއެކު ކުރު ޖަވާބު ދޭން ޖެހޭ ސުވާލުތަކެއް ހިމަނާނެ އެެވެ.